ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ ދަރަނި

ރާއްޖޭގެ ޖުމްލަ ދަރަނި 79.8 ބިލިއަން ރުފިޔާއަށް

Mar 3, 2021
1

ރާއްޖޭގެ ޖުމްލަ ދަރަނި 79.8 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ދަރަނީގެ ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް އިއްޔެ ނެރެފައިވާ "ދަރަނީގެ ތަފާސް ހިސާބުތައް" ދައްކާ ގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ނިޔަލަށް ގެރެންޓީ ދީފައިވާ ދަރަންޏާއެކު ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 79.8 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، ބޭރުގެ ދަރަނީގެ ނިސްބަތަކީ 38 ބިލިއަން ރުފިޔާ އެވެ. އަދި އެތެރޭގެ ދަރަނި އުޅެނީ 41 ބިލިއަން ރުފިޔާގަ އެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން ބަލާނަމަ މިހާރު ވަނީ 138 ޕަސެންޓަށް އަރާފަ އެވެ. ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި ހުރީ 66 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 72 ޕަސެންޓުގަ އެވެ.

ދަރަނި މަތިވެގެން ގޮސްފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާ އިން އަރައިގަތުމަށްޓަކައި ސަރުކާރުން ދަނީ ލޯނު ނަގަމުންނެވެ. މި ކަމަށް ނަގާ ލޯނުގެ ސަބަބުން ދަރަނި ދަނީ މަތިވަމުންނެވެ. އެއް ގައުމަކަށް ބަލާއިރު ރާއްޖޭގެ ދަރަނި އެންމެ މަތިއެއް ގައުމަކީ އިންޑިއާ އެވެ.

ރާއްޖޭގެ އެކި މަޝްރޫއުތައް ހިންގަން އިންޑިއާ އިން 800 މިލިއަން ޑޮލަރުގެ އެލްއޯސީ ފެސިލިޓީއެއް ދީފައި ވެއެވެ. އަދި ބަޖެޓް ސަޕޯޓަށް ކޮވިޑް-19 އާ ގުޅިގެން 200 މިލިއަން ޑޮލަރު ދިންއިރު، 2019 ވަނަ އަހަރު 150 މިލިއަން ޑޮލަރު ދިނެވެ. އަދި ސްޓޭޓް ބޭންކު އޮފް އިންޑިއާ އިން ރާއްޖެއަށް 250 މިލިއަން ޑޮލަރު ޓްރެޝަރީ ބޮންޑެއް ވިއްކާފައިވާއިރު ކަރަންސީ ސްވޮޕުގެ ގޮތުގައި 400 މިލިއަން ޑޮލަރު ހަމަޖައްސައި ދިނެވެ. އެންމެ ފަހުން އެ ގައުމުގެ ދަރަންޏަށް އިތުރުވި އަދަދަކީ ތިލަމާލެ ބްރިޖުގެ މަޝްރޫ އަށް އިންޑިއަން އެގްޒިމް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ލޯނެވެ.

މި އަހަރަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ އަމީރު ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި އަހަރުގެ ނިޔަލަށް ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވިދާޅުވެފަ އެވެ.