ހަބަރު

ބާޒާރުމަތީ ގިނަ އަދަދެއްގެ ފިހާރަ ތަކެއް ފަޅާލައި ވައްކަން ކޮށްފި

ބާޒާރުމަތީގައި ހިންގާ ގިނަ އަދަދެއްގެ ފިހާރަ ތަކެއް ފަޅާލައިގެން ރޭ ވައްކަން ކޮށްފި އެވެ.

ފިހާރަތައް ފަޅާލާފައި ހުރިކަން އެނގުނީ މިއަދު ހެނދުނު ފިހާރަތައް ހުޅުވުމުންނެވެ.

ބާޒާރުމަތީގައި ފުޅާކޮށް ވިޔަފާރި ކުރާ ވިޔަފާރިވެރިއަކު ބުނި ގޮތުގައި ފަޅާލި ފިހާރަތަކުގެ އަދަދު ބުނަން އަދި ނޭނގޭ ކަމަށެވެ. ލަފާ ކުރެވޭ ގޮތުގައި ހައެއްހަ ފިހާރަ ރޭ ފަޅާލާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ހެނދުނު ބާޒާރު މައްޗަށް ދިޔައިރު ފުލުހުން އަތޮޅު ފިހާރަތައް ހިމެނޭ ސަރައްދުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. އަދި އަވަސްގެ ނޫސްވެރިން ބައެއް ފިހާރަތަކަށް ވަދެ ބެލިއިރު ފިހާރަތައް ފަޅާލާފައި ހުރީ ޓިނު ނަގައިގެންނެވެ.

އަވަސްގެ ނޫސްވެރިން ވަނީ ފަޅާލާފައިވާ ބައެއް ފިހާރަތަށް ވަދެފަ އެވެ. ގިނަ ފިހާރަތައް ފަޅާލާފައިވަނީ ޓިނު ނަގައިގެންނެވެ. އަދި ބައެއް ފިހާރަތައް ފަޅާލާފާނެތީ ފުރާޅުގައި ދަގަނޑު ޖަހައިގެން ހަރުކޮށްފައިވާ ފްރޭމް ގަނޑު ހަލާކުކޮށްލާފައި ހުރިތަން ފެނެ އެވެ.