ބޭރު ކުޅިވަރު

އަހަރެން މަގާމުގައި ދެމިހުންނާނަން: މޮރީނިއޯ

ސީޒަނުގެ ފުރަތަމަ 11 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެ، ޓޭބަލުގެ 15ވަނާގައި އޮތް ނަމަވެސް ޗެލްސީގެ ކޯޗުކަމުގައި އޭނާ ދެމިހުންނާނެ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ލިވަޕޫލް އަތުން ޕްރެމިއާ ލީގުގައި ރޭ 3-1އިން ބަލިވި މެޗަށް ފަހު މޮރީނިއޯ މަގާމުން ވަކިކޮށްފާނެ ކަމަށް ގިނަ ބަޔަކު ހީކުރި އެވެ. ނަމަވެސް މެޗަށް ފަހު ޕޯޗުގަލްގެ ކޯޗު ބުނީ ޗެލްސީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ޓީމު ބައްޓަންކުރަން އޭނާ އަށް ވަގުތުދީފައިވާ ކަމަށެވެ.

"ނޫން. އަހަރެން ހުންނާނަން. އަހަންނަށް އޮތީ ވަގުތުދީފައި ކަންކަން ރަނގަޅު ކުރަން،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ މޮޅުވާން އޭނާ އާއި ކުޅުންތެރިން ކުރާ މަސައްކަތް ސަޕޯޓަރުންނަށް އެނގޭނެ ކަމަށެވެ. އަދި ރޭ ލީގުގައި ލިވަޕޫލް އަތުން ބަލިވި މެޗަށްފަހު އޭނާ ވަނީ ނޫސްވެރިންގެ ބައެއް ވާހަކަތަކަށް ޖަވާބުދޭން އިންކާރުކޮށްފަ އެވެ.

އެއީ ލިވަޕޫލްގެ ލޫކަލް ލެވިއާ އާއި ޗެލްސީގެ ފޯވަޑް ޑިއެގޯ ކޯސްޓާއަށް ރެފްރީ ރަތްކާޑު ނުދެއްކި މައްސަލާގަ އެވެ. މެޗު ތެރޭގައި ލެވިއާ އަށް ރަތްކާޑު ނުދެއްކުމުން މޮރީނިއޯ ވަރަށް ބޮޑަސް ނުރުހުން ފާޅުކުރި އެވެ.

"އަހަރެން ބުނާނެ އެއްވެސް އެއްޗެއްނެތް. އަހަރެން ބުނާނެ އެއްވެސް އެއްޗެއްނެތް. އަހަރެން ބުނާނެ އެއްވެސް އެއްޗެއްނެތް. އަހަންނަށް މައާފުކުރޭ. އަހަރެން ބުނާނެ އެއްވެސް އެއްޗެއްނެތް. އަހަރެން ބުނެފިއްޔާ އަހަރެން ސަސްޕެންޑްކޮށްފާނެ،" ނޫސްވެރިން ސުވާލު ކުރުމުން މޮރީނިއޯ ބުންޏެވެ.