ރާއްޖެ ކުޅިވަރު

އަތޮޅު ފުޓްބޯޅަ މުބާރާތަކީ މިނިވަން 50ގެ ހަރަކާތެއްނޫން: ހޯމް މިނިސްޓްރީ

މިނިވަން50 ޗެމްޕިއަންޝިޕްގެ ނަމުގައި މުޅި ރާއްޖޭގައި އެފްއޭއެމުން ކުރިއަށް ގެންދަން ފަށައި މިހާރު މެދުކަނޑާލާފައިވާ ފުޓްބޯޅަ މުބާރާތަކީ މިނިވަން50ގެ ހަރަކާތެއްނޫން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މިނިވަން50ގެ ހަކަރާތްތައް ހިންގާ އޮފީހުގެ އެންމެ އިސްވެރިޔާ މާޒް އަހުމަދު ސަލީމް މިހެން ވިދާޅުވީ އެ މުބާރާތް މެދުކަނޑާލާފައިވާތީވެ، ސުވާލު ދެންނެވުމުންނެވެ.

"އެއީ އެފްއޭއެމުގެ އަމިއްލަ މުބާރާތެއް. މިނިވަން50ގެ މުބާރާތެއްނަމަ މިތަނަށް ވެސް އެނގޭނެ. އެކަމަކު އެގޮތަކަށްނޫން އެކަން އޮތީ. އެފްއޭއެމުން ހިންގާ މުބާރާތެއް އެއީ،: ސަލީމް ވިދާޅުވި އެވެ.

ހޯމް އެންޑް އަވޭ އުސޫލުން އަތޮޅުތަކުގައި މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފެށި މުބާރާތަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން ފެށި މުބާރާތެއް ކަމަށް އެފްއޭއެމުން ވަނީ ކުރިން ބުނެފަ އެވެ. ނަމަވެސް ސަލީމް ވިދާޅުވީ މުބާރާތަށް ސްޕޮންސާހޯދަން އެދުން ފިޔަވައި އެމުބާރާތާ ބެހޭ ގޮތުން އެފްއޭއެމުން އެއްވެސް މަޝްވަރާއެއްކޮށްފައިނުވާ ކަމަށެވެ.

"ބައެއް މީހުން ގުޅާ މުބާރާތުގެ ބައެއް ކަންތައްތައް ހަމަނުޖެހިގެން. އެކަމަކު އަޅުގަނޑުމެން ދަންނަވާފައި އޮންނާނީ އެއީ މިތަނުން ކުރާ ކަމެއްނޫން ކަމަށް. އެފްއޭއެމުން ކުރާ ކަމެއް އެއީ. އެ މުބާރާތް ބާއްވަން އެފްއޭއެމުން އެދުނު ސްޕޮންސާއަކަށް. އެކަމަކު ފަހުން ހަބަރެއްނުވޭ،" ސަލީމް ވިދާޅުވި އެވެ.

މުޅި ރާއްޖޭގެ 79 ރަށަކުން ބައިވެރިވެގެން ކުރިއަށްގެންދާ މުބާރާތް މިދިޔަ އޮކްޓޫބަރު މަހުގެ 21ގައި އެފްއޭއެމުން މެދުކަނޑާލީ ޖެހިގެން އައި ދުވަހު ބާއްވަން ހަމަޖެއްސި ނަމަވެސް ހޯމް މިނިސްޓްރީ އާއި އެފްއޭއެމަށް އެއްގަލަކަށްނާދެވި ކެންސަލްކުރަން ޖެހުނު އެފްއޭއެމުގެ އިންތިހާބާ ގުޅިގެންނެވެ. ނަމަވެސް މިހާރު މި މުބާރާތް އަންނަ ބުދަ ދުވަހު އަލުން ފަށޭވަރުވާނެ ކަމަށް އެފްއޭއެމުން ވަނީ ކައުންސިލްތަކަށް ސިޓީ ފޮނުވާފަ އެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން ބުނެފައިވަނީ މުބާރާތް މެދުކަނޑާލަން ޖެހުނީ އެފްއޭއެމުގެ އިންތިހާބުގެ ކަންކަމުގައި އެ އިދާރާގެ ގިނަ މުވައްޒަފުންތަކެއް ބިޒީވުމުގެ ސަބަބުން ކަމަށެވެ.

މިނިވަން50 ޗެމްޕިއަންޝިޕުގެ އަތޮޅު ބުރަށް ފަހު ޗެމްޕިއަންޓީމުތަށް ކޮލިފައިވާނީ ޒޯން މުބާރާތަށެވެ. އަދި ރާއްޖޭގެ އަށް ޒޯނުގެ ޗެމްޕިއަނުން ދެ ގްރޫޕަކަށް ބަހާލައި އުތުރުގެ ހަތަރު ޒޯނުގެ ޗެމްޕިއަނުން ލީގު އުސޫލުން ބުރެއް ކުޅޭނީ ހދ. ކުޅުދުއްފުށީގަ އެވެ. ދެކުނުގެ ހަތަރު ޒޯނުގެ މެޗުތައް ކުޅޭނީ އައްޑޫ ސިޓީގަ އެވެ. އެއަށްފަހު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލް ކުޅެ ފައިނަލަށް ހޮވޭ ދެ ޓީމަށް އަންނަ އަހަރުގެ ރައީސުލްޖުމުހުރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ގައުމީ ފުޓްބޯޅަ މުބާރާތުން ފުރުސަތުދޭން އެފްއޭއެމުން ވަނީ ނިންމާފަ އެވެ.