ހދ. އަތޮޅުގައި ހިންގާ އެއް ރިސޯޓު ކަމަށްވާ ހޮނޑާފުށި ރިސޯޓް އަލުން ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހޮނޑާފުށި ހުޅުވާފައި ވަނީ އެ ރިސޯޓު މެނޭޖް ކުރަމުން އައި ކުންފުނީގެ ބަދަލުގައި ރިސޯޓުގެ އޯނަރު ތްރީއޭ ކުންފުނިން މެނޭޖު ކުރާ ގޮތަށް ފުރަތަމަ 70 ކޮޓަރި އޮޕަރޭޝަނަށް ގެނެސްގެނެވެ.
ތްރީއޭގެ އެއް ޑިރެކްޓަރު، މޫސާ ޝިޔާމް ވިދާޅުވީ ރިސޯޓު އަލުން ހުޅުވުމަކީ ހދ. އަތޮޅަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރިސޯޓުގެ އޮކިއުޕެންސީ ވެސް ރަނގަޅު ވާނެ ކަމަށެވެ.
"ރިސޯޓުގެ އޮކިއުޕެންސީ ވެސް ދައްކަނީ ދައްކަނީ ރަނގަޅަށް. އަޅުގަނޑުމެން ޓޫރިސްޓުން މި ގެންނަނީ ހަނިމާދޫ އެއާޕޯޓަށް އިންޑިއާއިން. އެހެންވެ، މިއީ ގައުމީ އެއާލައިންގެ ވިޔަފާރިއަށް ވެސް ލިބިގެން ދާނެ ކުރިއެރުމެއް. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވަރަށް ރަނގަޅު ވެގެންދާނެ،" ޝިޔާމު ވިދާޅުވި އެވެ.
"މި ވަގުތު 70 ކޮޓަރި ހުޅުވި ނަމަވެސް އިތުރު ކޮޓަރި ހުޅުވުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން. އާ މެނޭޖުމަންޓަކާއެކު ކުރިއެރުން ލިބިގެން ދާނެ،" ޝިޔާމް ވިދާޅުވި އެވެ.
ހޮނޑާފުއްޓަކީ 400 ކޮޓަރީއާއެކު ތަރައްގީ ކުރާ ރިސޯޓެކެވެ. މި ރިސޯޓު ހުޅުވީ 2017 ވަނަ އަހަރު އެވެ. ފުރަތަމަ ހުޅުވާފައި ވަނީ މި ރިސޯޓުގެ 100 ކޮޓަރި އެވެ. މި ރިސޯޓު ތަރައްގީ ކޮށްފައިވަނީ 150 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެންނެވެ.