ތަފާތު އެކި ދީންތަކަށް ރާއްޖެ ނުހުޅުވައިގެން ބައެއް ގައުމުތަކުން ރާއްޖެއަށް ފިއްތުން ކުރިމަތި ކުރުވާ ދަނޑިވަޅުތަކުގައި ސައުދީ އަރަބިއްޔާ އަބަދުވެސް ދިވެހިންގެ އަތުގައި ހިފާ ކަމަށާއި އެކަމަށްޓަކައި ދިވެހިން ފަހުރުވެރިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަދު ފެށި ދީނީ އިލްމުވެރިންގެ މަހާސިންތާ ހުޅުވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސައުދީ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ގާތް، އަދި ވަރަށް ޒަމާންވީ ގުޅުމެއް ކަމަށާއި އެ ގުޅުން އަބަދުވެސް ރާއްޖެ އާއި ސައުދީން ދަމަހައްޓާ ކަމަށެވެ. އެތައް ސަތޭކަ އަހަރެއް ކުރިން އުފެދިފައިވާ އެ ގުޅުން ރާއްޖެއާއި ސައުދީ ދެމެދު އެތައް ސަތޭކަ މޭލެއް ހުރި ނަމަވެސް އޮންނަނީ އެއްބަނޑު އެއްބަފާ ދެބެންގެ ގޮތުގައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އިސްލާމ ދީނަކީ މުޅި ދުނިޔަށް ނިސްބަތްވާ ދީނެއްކަން ރަމްޒުކޮށްދޭ އެއް ހެއްކަކީ ސައުދީގައި އޮތް ކަހަލަ ސައްތައިން ސައްތަ އިސްލާމީ މުޖުތަމައެއް ރާއްޖޭގައި އޮތުން، މިއީ ރާއްޖެއާއި ސައުދީ އާއި ހާއްސަ ގުުމެއް އޮންނަ އެއް ސަބަބު، ސައްތައިންސައްތަ މުސްލިމް ގައުމެއް ގޮތު އިންޑިޔާ ކަނޑުގައި އެތައް ސަތޭކަ އަހަރެއް ވަންދެން ރާއްޖެ ދެމި އޮތުމަކީ މުއުޖިޒާތެއް ކަމަށް ވެސް ބުނެވިދާނެ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖެއާ ދިމާއަށް އަންނަ ތަފާތު ފިއްތުންތައް އަންނަ އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.
"ރާއްޖެއާ ދިމާއަށް ތަފާތު ފިއްތުން އަންނަނީ ތަފާތު އެއެކި ދީންތަކަށް މި ގައުމު ނުހުޅުވައިގެން ބައެއް ގައުމުތަކުންް އަޅުގަނޑުމެނާ ދޭތެރޭގައި ފިއްތުން ކުރިމަތިކުރާ ދަނޑިވަޅުގައި އަޅުގަނޑުމެންގެ ބޭބެ ނުވަތަ އަހު ސައުދީ އައިސް އަޅުގަނޑުމެންގެ އަތުގައި ހިފާ ކަމީ އެކަމާ ފަހުރުވެރިވާ ކަމެއް،"
އުމަރު ވިދާޅުވީ ވަރަށް ގިނަ ގައުމުތަކުގެ ތަފާތު ވަކިތަކުން މިންޖުވެ ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ފަހުރުވެރިވާ ކަމަކަށްވާއިރު މިއަދު ދުނިޔެއިން ފެންނަނީ ސައުދީ ކުރިޔަށް ނުކުމެ ދުނިޔޭގައި ލީޑް ކުރާ މަންޒަރު ކަމަށާއި ސައުދީ ރަސްކަމާއި ރައްޔިތުންގެ ކިބައިން އާ ރޫހަކާއި ޖޯޝެއް ނުކުމެގެން އަންނަތަން ކަމަށެވެ. އަދި ދިވެހި ރާއްޖެ އޮތީ ސައުދީއާއެކު ފައިހަމަކޮށް ހިފަހައްޓާ ގޮތަށް ކަމަށެވެ.
ސައްތައިނސައްތަ މުސްލި ގައުމެއްގެ އޮވެގެން އަންނަ ފިއްތުމާއެކު އެތެރޭގައި އުފެދޭ ހައްދުފަހަނަޅައި ދިއުމުގެ ވިސްނުމާއި ދީނުގައި އޮތް ގޮތް ނޫން ހަރުކަށި އުސޫލްތަކެއް ބައެއް ފަރާތަކުން ގެންގުޅޭތީ ވެސް ފިއްތުން ކުރުމަތިވާ ކަމަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ އެކަން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ކުރިމަތިވެފައިވާއިރު އޭގެ އެއް ހައްލަކަށްވާނީ އިސްލާމް ދީން އެ ފަސްގަނޑަކަށް ބާވާލެއްވެވި ސައުދީގެ އާލިމުން އެކަންކަން ރަނގަޅަށް އޮޅުން ފިލުވައި ދިނުން ކަމަށެވެ.