ކްރިމިނަލް ކޯޓުން ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދަށްޖެހި 15 ދުވަހަށް ހައިކޯޓުން ތާއީދުކޮށްފި އެވެ. "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީނަށް ދިން ހަމަލައާ ގުޅިގެން ތުހުމަތުކޮށް ގައުމަށް ގައްދާރުވުމުގެ ޗާޖްގައި ހައްޔަރު ކުރުމަށްފަހު ބަންދުގައި 15 ދުވަހު ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިއަ މަހުގެ 25 ވަނަ ދުވަހު އެވެ. ބަންދު ކުރަން ނެރުނު އަމުރު ހައި ކޯޓުގައި، އަދީބުގެ ވަކީލް ހުސެން ޝަމީމް އިސްތިއުނާފުކުރެއްވީ ޖެހިގެން އައި 26 އޮކްޓޫބަރުގަ އެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ނައިބު ރައީސް ދޫނިދޫގައި ބަހައްޓައިގެން ބޭއްވި ވީޑިއޯ ކޮންފަރެސް މަޖިލީގައި އިއްޔެ އަޑު އެހުންތައް ފަށާއި ނިންމާލުމަށްފަހު މިއަދު ހުކުމް އިއްވެވީ ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އާއި ފަނޑިޔާރު ޢަލީ ސަމީރު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.
ނައިބު ރައީސް ހައްޔަރު ކުރީ ސިންގަޕޫރުގައި ހުންނެވުމަށްފަހު މިދިއަ މަހު 24 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމާ އެކު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންނެވެ. އެއާޕޯޓުން މާލެ ނުގެނެސް ނައިބު ރައީސް ގެންދެވީ ދޫނިދު އަށެވެ. ބަންދުގެ މުއްދަތު ޖެހީ އޭގެ އަނެއް ދުވަހު އެވެ. އެ ދުވަހު ވެސް ކޯޓަށް ގެނައުމުގެ ބަދަލުގައި ބަންދުގެ މަޖިލިސް ބޭއްވީ ދޫނިދޫގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މަޖިލީހެއްގަ އެވެ.
ނައިބު ރައީސް ހާޒިރު ނުކޮށް ދެ ކޯޓެއްގައި މިހާތަނަށް މަޖިލިސް ބާއްވާފައިވާއިރު އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހަށް ވައްދާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް ނޯޓިސް ފޮނުވައި ޖަވާބުދާރީވާން ބައިގަޑިއިރު ދޭން މަޖިލީޙުން އާންމު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.