އެމްއެންޑީއެފް

ޖަލްސާތަކުގައި ވަރުގަދަ ސަލާމަތީ ފިޔަވަޅު އަަޅަން ފަށައިފި

ރައީސުލް ޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ވަޑައިގަންނަވާ ތަންތަނާއި ހަފްލާ ތަކާއި ރަސްމިއްޔާތު ތަކުގެ ސެކިއުރިޓީ ލެވެލް މަތިކޮށް ސަލާމާތީ ބާރުތަކުން ވަރުގަދަ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާ އަށްފަހު ފަށާފައިވާ ތަހުގީގުތަކާއެކު ބަަލައި ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވެސް ހިނގަމުންދާއިރު މިހާރު ސަރުކާރުން ބާއްވާ ހާއްސަ އަދި ބޮޑެތި ރަސްމިއްޔާތުތަކާއި ހަފްލާތަކުގެ ސަލާާމަތީ ކަންކަން ވަރުގަދަކޮށް ފިޔަވަޅުތައް ވަނީ އަޅައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު މިއަދު ވިދާޅުވީ ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން ވަޑައިގަންނަވާ ރަސްމިއްޔާތުތަކާއި ހަފްލާތަކުގެ ސެކިއުރިޓީ ލެވެލް ބަދަލުތައް ގެނެސްފައިވާ ކަމަށާއި އެބަދަލު ގެންނަނީ އަބަދުވެސް އެއިރެއްގައި ގައުމުގެ ހާލަތު އޮންނަ ގޮތަށް ބަލައިގެން ކަމަށެވެ. އަދި ވިދާޅުވީ މިވަގުތު ރާއްޖޭގެ މަސްރަހު ހަލަބޮލިވެފައިވާތީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަލަމާތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް ވަރުގަދަ ކުރީ ކަމަށެވެ.

" އަޅުގަނޑުމެން ސަލާމަތީ ފިޔަވަޅުތައް އަޅަނީ އަބަދުވެސް އެއިރަކު ގައުމުގެ ޙާލަތު އޮންނަ ގޮތަކަށް ބަލައިގެން. އެންމެންނަށްވެސް އެނގޭނެ ފަދައިން މިވަގުތު ރާއްޖޭގެ މަސްރަހު މި ވަނީ ވަރަށް ހަލަބޮލިވެފައި. އެހެން ކަމުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މިހާރުވާނީ އަޅާފައި،" އަދުންނާން ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ކަމަށާއި ހަފްލާތަކުގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނާވެސް ގުޅިގެން ކަމަށެވެ. އެ ދެ މުއައްސަސާގެ މަގުސަދަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށާއި ސުލްހަ މަސަލަސް ކަމާއި އަމާންކަން ގާއިމްކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އަދުނާން ވިދާޅުވި އެވެ.

މިނިވަން 50 އާ ގުޅުވައި އަލަށް ނެރުނު ނޫޓު ސީރީޒް، "ރަން ދިހަ ފަހެއް" ނެރުމަށް ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ބޮޑު ޖަލްސާވެސް ކުރިޔަށް ދިޔައީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅައިގެނެވެ. ސަލާމަތީ ފިޔަވަޅުތައް އިއްޔެ ހަވީރުން ފެށިގެން ވަރުގަދަކޮށްފައި އޮތް އިރު ރޭގެ ހަފުލާ ކުރިޔަށްދިޔަ ވަގުތު ދަރުބާރުގޭގެ ސަރަހައްދުގައި ހަތިޔާރާއެކު ސިފައިން ފޯރިމަރާފައި ވެއެވެ. އަދި ރޭގެ ހަފުލާއަށް މީހުން ވައްދާފައި ވަނީ ސްކްރީން ކޮށްގެނެވެ. އަދި އެ ހަފުލާއަށް ދައުވަތު ފޮނުވާފައި ވަނީ ވެސް ސަލާމަތީ ވަރުގަދަ ފިޔަވަޅުތައް އަޅާފައި ހުންނަ ތަންތަނަށް ނުވެއްދޭނެ ތަކެތި ފާހަގަކޮށްދޭ ކާޑާއެކު އެވެ.

އެ ރަސްމިޔާތުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި އޮތް އިރު މިއަދު އިސްލާމީ މަރުކަޒުގައި ފެށި ސިމްޕޯސިމްގައި ވެސް އޮތީ ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ. މީހުން ވެސް ވައްދާފައި ވަނީ ސްކްރީން ކޮށްގެނެވެ.

ސަލާމަތީ ބާރުތަކުން މި ފިޔަވަޅުތައް އެޅި އިރު މިހާރު ކުރިޔަށްދާ ބަލައި ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަންގައި ބ. ހިބަޅިދޫ ބޭރު ކަނޑުގެ އަޑިން ގިނަ އަދަދެއްގެ ބޮމާއި ބަޑި އާއި ފިސްތޯލަ އާއި ވަޒަނާއި އެނޫންވެސް ގިނަ ހަތިޔާރުތައް ވަނީ ފެނިފަ އެވެ. އަދި އޭގެ ތެރޭ ސިފައިންގޭގެ ބަޑި ގުދަނަށް ނިސްބަތްވާ ދެ ހަތިޔާރެއް އޮތް އިރު ހަމާލާއާ ގުޅިގެން ބަލައި ފާސް ކުރި އެއްގޭގެ ތެރެއިން ފިސްތޯލައެއް އަދި ބައެއް ގޭގެއިން ބޮން އުފައްދާ ސާމާނު ވަނީ ފެނިފައެވެ.

އަދި ރައީސަށް ދިން ހަމަލާއަށް ފަހު ރައީސް ގައުމާ މުހާތަބު ކުރެއްވި އިރު މިވަގުތަކީ "ނުރައްކާތެރި ހާލަތެއް އޮތް ވަގުތެއް" ކަމަށް ވަނީ ސިފަ ކުރައްވާފައިވާއިރު އަންނަ ހުކުރު ދުވަހު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާއާމެދު ދެވެނަ ވިސްނުމަކަށް ދިއުމަށް ފުލުހުން ވެސް ވަނީ އެދިފަ އެވެ.

ޖަލްސާތަކާއި އެއްވުންތަކުގައި މިފަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ވަނިކޮށް ކުރިން ފެނިފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގަ އެވެ.