އެލައިޑް އިންޝުއަރެންސް

އެލައިޑް ކާގޯ އިންޝުއަރެންސް އޮންލައިންކޮށް ލިބޭ ގޮތް ހަދައިފި

އެލައިޑުން ދެމުން ގެންދާ "ކާގޯ އިންޝުއަރެންސް" އޮންލައިންކޮށް ލިބޭ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ގައި އެލައިޑު އިންޝުއަރެންސުން ތައާރަފުކުރި މި ހިދުމަތުގެ ސަބަބުން ކާގޯ އިންޝުއަރެންސުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް މިއަދު ވިދާޅުވި އެވެ.

"އެލައިޑް ކާގޯ އިންޝުއަރެންސް" ގެ ހިދުމަތް ތައާރަފުކޮށްދެއްވުމަށްފަހު އަމީލް ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

"އޮންލައިން ޕޯޓަލްގެ އަމާޒަކީ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުން. އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ޕޮލިސީއެއް އޮންލައިންކޮށް ލިބޭނެ މަގު ފަހި ކުރުން،" އަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުސްތަގުބަލުގައި އެލައިޑްގެ ހިދުމަތް ފޯނާއި އައިޕެޑް ބޭނުންކޮށްގެން ލިބޭނެ މަގު ފަހިވާނެ ކަމަށެވެ.

"މި ހިދުމަތްތައް ރަނގަޅު ކުރުމަށް ގިނަ ބައެއްގެ ފާޑު ކިޔުން ބޭނުންވޭ. މުވައްޒަފުންގެ އިތުރުން ހިދުމަތް ލިބޭ މީހުންގެ ފާޑު ކިޔުން ބޭނުން،" އަމީލް ވިދާޅުވި އެވެ.

އެލައިޑުން ވަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެ ކުންފުނީގެ ސޭލްްސް އޮފީސް ވެލާނާގެ ކައިރީގައި ހުންނަ އޯކިޑް ގެއަށް ބަދަލުކޮށްފަ އެވެ.