ކްރިމިނަލް ކޯޓް

ނަދީމްގެ މަރު: ދިފާއީ ހެކިބަސް ނަގަން ފަށައިފި

ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހުގައި މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ފަށައިފި އެވެ.

މަރުގެ މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ލ. ގަން، ވިދާތަރި، އަލީ ނިފާޒާއި ގ. ޝާރާޒް މުހައްމަދު މަފާޒަށެވެ.

މަފާޒަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ދިފާއި ހެކިންގެ ހެކިބަސް ނެގުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުވާ ލިބޭ ހުސައިން ޝާމިންގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިންގެ ހެކިބަސް ވަނީ ނަގާފަ އެވެ. ހެކިންގެ ގޮތުގައި ހުށަހެޅީ ހާދިސާ ހިނގި ތަނުގައި ނެތްކަން ސާބިތުކުރުމަށް ހުށަހެޅި ދެ ހެކިންނެވެ.

އޭނާޣެ ފަރާތުން ހުށަހެޅި ދެ ހެކިވެރިން ކަމަށްވާ މަބްރޫކް ނަސީމާއި އިސްމާއިލް ނިޔާޒްގެ ވާހަތައް ހުރީ ދާދީ އެއްގޮތަށެވެ.

އެގޮތުން މިދެހެކިވެރިންގެ ވާހަކައިގައި، ނަދީމް މަރާލި ދުވަހު ހުސައިން ޝާމިން އުޅުނީ މިމީހުންނާ އެކުގައި ކަމަށާއި އެމީހުން ތިބީ ވައިމިއާ ރޯޔަލް ރެސްޓޯރެންޓްގައި ކަމަށް ވަނީ ބުނެފަ އެވެ. ފުރަތަމަ ހެކި، މަބްރޫކް ނަސީމް ބުނީ އެދުވަހުގެ މެންދުރު 1:00 ހާއިރު ޝާމިންއާ އެ ރެސްޓޯރެންޓުން ދިމާވި ކަމަށާއި، އެގަޑީގައި ކައިގެންގެ ދިޔައީ ހުސައިން ޝާމިންގެ ދައްތައެއްގެ ގެއަށް ސައިކަލުގައި ލައިދިނުމަށް ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ހަވީރު 4:30 ގެ ކުރިން އެގެއިން އޭނާ އާއި އެކީ އެރެސްޓޯރެންޓަށް އަނެއްކާވެސް ދިޔަކަމަށް ބުންޏެވެ.

ދެވަނަ ހެކި އިސްމާއިލް ނިޔާޒް ބުނީ ހަވީރު އެގަޑީގައި ހުސައިން ޝާމިން އެތަނަށް އައިއިރު އޭނާ އިނީ ރެސްޓޯރެންޓުގައި ކަމަށާއި އޭގެފަހުން އެދުވަހުގެ އިރުއޮއްސި 7 ޖަހަންދެން އެތާ ތިބި ކަމަށެވެ.

މި ދެހެކިންގެ އިތުރުން ނަދީމް މަރައިލުމުގައި ބައިވެރިކަމުގެ ދައުވާ ލިބޭ މުހައްމަދު ކަރަމް ސުހައިލްގެ ފަރާތުން ވެސް ވަނީ ދިފާއީ ހެއްކެއް ހުށަހަޅާފަ އެވެ.

ނަދީމް މަރައިލި ދުވަހު 4:00 އާއި 5:00 އާއި ދެމެދު އޭނާ އާއި އެކީ އުޅުނު މީހާ ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް އެދިފައިވާކަން ފާހަގަކޮށް ދައުލަތުން ބުނީ ތަހުގީގީ މަރުހަލާގައި މިފަދަ އެއްވެސް ވާހަކައެއް މުހައްމަދު ކަރަމް ސުހައިލް ދައްކާފައި ނުވާ ކަމަށެވެ. އެހެކި މި މަރުހަލާގައި ހުށަހެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ތަންނުދޭ ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

އަދި މުހައްމަދު ކަރަމް ސުހައިލް މިމައްސަލައިގައި ފާހަގަވެފައިވަނީ ޓާމިނަލް ކެފޭ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖްތަކުން ކަމަށާއި، އޭނާ ހާދިސާ ހިނގިތަނަށް ދަތުރުކޮށްފައިވާ މަންޒަރު އެ ފުޓޭޖްތަކުން ފެންނަންހުރި ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

މިކަމާ ގުޅިގެން ދިފާއީ ވަކީލް ނޫރުލްއިސްލާމް ވިދާޅުވީ މިއީ ހާދިސާ ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަމުގެ ދިފާއެއް ކަމަށާއި ދިފާއީ ހެކީގެ ބަޔާނެއް ވެސް ނަގައިފައި ނުވާ ކަމަށެވެ. ޕީޖީއަށް މައްސަލަ ފޮނުވިއިރު ތަހުގީގީ މަރުހަލާގެ ބައެއް މައުލޫމާތައް ފުލުހުން ހިމަނާފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ހަތަރު މީހުންނާ ދެކޮޅަށް ދައުލަތުން ނުވަ ހެއްކެއް ހުށަހެޅި ނަމަވެސް މިހާތަނަށް ހެކިބަސް ދީފައި ވަނީ ފަސް މީހުންނެވެ. ފުރަތަމަ ނެގި ދެ މީހުން ހެކިބަހަށްފަހު މާރާމާރީތަކެއް ހިންގުމާއި ގުޅިގެން ފަހުން ހެކިބަސް ދިން ތިން މީހުން ވަނީ ސިއްރު ކޮށްފަ އެވެ. ބާކީތިބި ތިން މީހުންނަށް އޮތް ނުރައްކަލާ ގުޅިގެން އެމީހުން ހެކިބަސް ދިނުމަށް އުޒުރުވެރިވާކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ހަތަރު މީހުންގެ ބަންދު މުރާޖާކޮށް، މައްސަލައިގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ފާހަގަކޮށް، އެމީހުން ބަންދުގައި ތިބި ތިބުން ވަނީ ދަމަހައްޓާފަ އެވެ.

ނަދީމް މަރުވީ ޓާމިނަލް ކެފޭތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ފުލުހުން އޭރު ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.