މިޔަރު މަސްވެރިކަންކުރަން އުޅުނު ދޯންޏެއް ފުލުހުން ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ އެ ދޯނި ހިފަހެއްޓީ އދ. މަންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައކ ކަމަށެވެ. އެ ދޯނި ފުލުހުން ހުއްޓުވައިފައިވަނީ މާވަރު ފަޅު ކައިރިން ނެވެ.
ދޯނި ހުއްޓުވިއިރު އޭގައި ހަަތަރު މީހުން ތިބިކަމަށް ފުލުހުން ބުނެ އެވެ. ދޯނި ބަލައި ފާސްކުރިއިރު ދޯނި ތެރެއިން މިޔަރާއި މިޔަރުގެ އުރަހައާއި ލޮނު އަޅާފައި ހުރި މިޔަރު މަސް ފުލުހުންނަށް ފެނިފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
މިޔަރަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެކެވެ. ނަމަވެސް މިޔަރު ހިމާޔަތްކުރި ފަހުން އޭގެ އާބާދީ މާބޮޑުވެ މަސްވެރިކަމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށް މަސްވެރިން ދަނީ ބުނަމުން ނެވެ.