ރަންދިހަފަހެއް

ދިވެހި ބައިރުފިޔާގެ ކަރުދާސް ނޫޓު ދުށިންތަ؟

  • ފައިސާ ގެލެރީން ރަންދިހަ ފަހެއްގެ ޓޫނު ތަޖުރިބާ ކޮށްލެވޭ
  • އިހުޒަމާނުގެ ފައިސާގެ ފެންނަން ހުރޭ
  • ކުރިން ނުފެންނަ ދިވެހި ފައިސާގެ ގިނަ ވައްތަރުތައް ފެނޭ

ރާއްޖޭގެ ބައި ރުފިޔާގެ ކަރުދާސް ނޫޓު ދެކުނިން ހެއްޔެވެ؟ ރާއްޖޭގައި ބައި ރުފިޔާގެ ގޮތުގައި ކަރުދާސް ނޫޓެއް ގެންގުޅުކަން އެނގޭ ހެއްޔެވެ؟ މިފަދަ އެތައް މައުލޫމާތެއް މިހާރު ދަރުބާރުގޭގައި ކުރިއަށްދާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" އިން ލިބޭނެ އެވެ. އެ ތަނުގައި ހުޅުވާފައިވާ ފައިސާ ގެލަރީގައި އެކި ޒަމާނުގައި ބޭނުންކޮށްފައިވާ ދިވެހި ފައިސާ ދައްކާލަން ބަހައްޓާފައިވެ އެވެ. މިތަނުން ދިވެހި ފައިސާގެ މުއްސަނދި ސަގާފަތް ފެންނަން ހުރެ އެވެ.

"މީގައި އެބަހުރި އަޅުގަނޑުމެން ދުވަހަކުވެސް ނުދެކޭ ކިތަންމެ އެއްޗެއް. މީގެ ސަބަބުން ގިނަ މައުލޫމާތު ތަކެއް ދިވެހި ފައިސާއާ ބެހޭ ގޮތުން ލިބިއްޖެ،" ފައިނޭންޝަލް އެކްސްޕޯގައި ކުރިއަށްދާ ފައިސާ ގެލަރީއަށް އިއްޔެ ގޮސްހުރި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު ބުނެލީ މިހެންނެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ފެއާ މިއަދު ނިމޭނެ އެވެ. ދަރުބާރުގޭގައިކުރިއަށް ގެންދާ މި ފެއާގައި ހުރި ފައިސާ ގެލެރީން ދިވެހި ފައިސާ ބަދަލު ވަމުން އައިސްފައިވާ ގޮތް ވަރަށް ރަނގަޅަށް ދައްކުވައިދެ އެވެ.

މި ގެލެރީގައި ފެންނަން ހުރި ފައިސާގެ ތެރޭގައި މުޅި ދުނިޔޭގައި ވެސް އެއް ޒަމާނެއްގައި އެންމެ އަގު ބޮޑުކޮށް ފައިސާގެ ގޮތުގައި ބޭނުންކުރި "ބޮލި" ހިމެނެ އެވެ. މީލާދީން 1200 އަހަރުގެ ތެރޭގައި ދިވެހިން ފައިސާގެ ގޮތުގައި ބޭނުންކުރި ބޮއްޔަކީ ރާއްޖޭގެ ފަރުތަކުން ދިވެހި އަންހެނުން ހިލި އެއްޗެކެވެ. އެގޮތުން ބޮލި ހިލައިގެން ބޮލި ރާއްޖޭން ބޭރަށް ވިއްކައިގެން ރަނގަޅު އާމްދަނީއެއް ހޯދާފައިވެ އެވެ.

މުޅި ގެލެރީއަށް ބަލައިލާއިރު، ރާއްޖޭގައި ފުރަތަމަ ބޭނުންކުރި ނޫޓު ސީރީޒް ވެސް ދައްކާލަން ބަހައްޓާފައި ވެ އެވެ. މި ނޫޓުތަކަށް ބަލައިލުމުން ދިވެހިންގެ ފައިސާއަށް އައިސްފައިވާ ބަދަލު ރީިތިކޮށް ފެނެ އެވެ. އެގޮތުން ޒަމާން ބަދަލުވެގެން އަންނަ ވަރަކަށް ދިވެހި ފައިސާވެސް ޒަމާނީ ވެގެން ދިޔަ ގޮތް ފެނެ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ ފައިނޭންޝަލް އެކްސްޕޯގައި ހުރި ފައިސާ ގެލެރީ ބަލަން ގިނަބަޔަކު ދާކަމަށެވެ.

"މީގައި ކުރން ނުފެންނަ ފައިސާ ހުރީމަ ގިނަ ބަޔަކު ގޮސް ގެލެރީބަލާ. ގެލެރީއަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.

މިތަނުން އިހުޒަމާނުގެ ފައިސާގެ އިތުރުން އަންނަ މަހު ސާކިއުލޭޓް ކުރަން ފަށާ އާ ނޫޓު ތަޖުރިބާކޮށްލަން ވެސް ލިބެ އެވެ. "ރަންދިހަ ފަހެއް" ގެ އާ ނޫޓު ހަމަ ލޮލުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ބޭނުންނަމަ ފައިސާ ގެލެރީއަށް ދާންވީ އެވެ. ޕޮލިމާ ކަރުދާހުގައި ފެންވަރު ރަނގަޅުކޮށް އުފައްދާފައިވާ މި ނޫޓުތަކުގެ ތެރޭގައި 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓު ހިމެނެ އެވެ.

ކޮންމެއަކަސް ދިވެހި ފައިސާގެ ގެލެރީއަކީ މުއްސަނދި ތަރިކަ އެކެވެ. އެކަމަކު މީގެ ކުރިން މި ގެލެރީގައި ހުރި ފައިސާ އާއްމުކޮށް ނުފެނެ އެވެ. އެހެންވެ މިތަން ބަލައިލަން ކޮންމެ ގޮތެއް ވިއަސް ދާން އެބަ ޖެހެ އެވެ.