ބޭރު ކުޅިވަރު

މޮރީނިއޯ އަށް ސަސްޕެންޝަނެއް، ޖޫރިމަނާއެއް، ކޯޓަށް ވެސް ގެންދަނީ

ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ގޮވައިގެން އެކުލަބުގެ ކުރީގެ ޑޮކްޓަރު އީވާ ކަރްނެއިރޯ ކޯޓަށްދާން ތައްޔާރުވި އިރު ސްޓޭޑިއަމަށް ނުވަދެވޭ ގޮތަށް އޭނާ ސަސްޕެންޑްކޮށް ޖޫރިމަނާވެސްކޮށްފި އެވެ.

މޮރީނިއޯގެ އިތުރުން ޗެލްސީއާ ދެކޮޅަށް ވެސް އީވާ ދައުވާކުރާނެ އެވެ. އެއީ އޭނާ މަގާމު ދަށްކުރި މައްސަލާގަ އެވެ.

ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ އީވާގެ މަގާމު ދަށްކުރަން ނިންމީ މި ސީޒަން ފެށި މެޗުގައި ސްވަންސީއާ ދެކޮޅަށް އެޑެން ހަޒާޑަށް އަނިޔާނުވަނީސް ފަރުވާދޭން ދަނޑަށް އެރި މައްސަލާގަ އެވެ. މޮރީނިއޯ ރުޅިއައީ މެޗު ނިމެން ގާތްވެފައިވަނިކޮށް، އަދި ޓީމު މޮޅުނުވެ އޮއްވައި އީވާ ދަނޑަށް އެރުމުންނެވެ. ނަމަވެސް މިކަމަށް އޭނާ އިންކާރުކުރެ އެވެ.

މި މައްސަލާގައި ޗެލްސީގެ ފުރަތަމަ ޓީމުން އީވާ ބާކީކޮށް، ޗެލްސީގެ ދަނޑު ނޫން ތަނެއްގައި ޓީމަށް އެހީތެރިނުވެވޭ ގޮތަށް އީވާގެ ވަޒީފާ ދަށްކުރި އެވެ. މީގެ ސަބަބުން އެންމެ ފަހުން އޭނާ އަމިއްލަ އަށް ޗެލްސީން ވަކިވީ އެވެ.

އިނގިރޭސި ނޫސްތަކުން ބުނާގޮތުގައި ޗެލްސީއާ ދެކޮޅަށް ދައުވާކުރުމުގެ އިތުރަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި މޮރީނިއޯއާ ދެކޮޅަށް ދައުވާކުރަން އީވާ ނިންމީ އޭނާގެ ވަޒީފާ ދަށްކުރުމުގައި މޮރީނިއޯގެ ނުފޫޒު އޮތްކަމަށް ބުނެ އެވެ.

މޮރީނިއޯއާ ދެކޮޅަށް އީވާ ދައުވާކުރަން ނިންމިއިރު ޖިންސީގޮތުން ފުރައްސާރަކުރުމަށް އެއްވެސް ބަހެއް މޮރީނިއޯ އީވާއާ ދިމާލަށް ބޭނުންކުރިތޯ ބަލަން އިނގިރޭސި އެފްއޭއިން ވަނީ މީގެ ކުރިން މި ދެ މީހުންގެ ކުރިމަތިލުމުގެ ވީޑިއޯ ފުޓޭޖްތައް ބަލައިފަ އެވެ. އެ މައްސަލާގައި ކާމިޔާބުވީ މޮރީނިއޯ އަށެވެ.

އަނެއްކޮޅުން މޮރީނިއޯ އަށް އިތުރު މައްސަލަތަކެއް ކުރިމަތިމިވަނީ ކުރިއަށް އޮތް ސްޓޯކް ސިޓީގެ މެޗަށް އޭނާ އަށް ދަނޑަށް ނުވަދެވޭގޮތަށް ސަސްޕެންޑްކޮށް، 40000 ޕައުންޑުން ޖޫރިމަނާކޮށްފައިވަނިކޮށެވެ. މީގެ އިތުރުން ޓީމު މި ވަގުތު އޮތީ ޓޭބަލުގެ 15ވަނާގަ އެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައިވުމުން މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރުވެސް އޭނާ އަށް ވަނީ ކުރިމަތިވެފަ އެވެ.