މި މަހުގެ ފަހުކޮޅު އޭނާ އަށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ ކަމަށް ގައުމީ ކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.
ފަޔަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދުމަށް މިވަގުތު އިންޑިޔާގެ މުމްބާއީގައި ހުރި މާޒިޔާގެ ކީޕަރު ބުނީ އިންޑިޔާގެ ޑޮކްޓަރު ޕަޑިވާލާގެ އިރުޝާދުގެ ދަށުން މިހާރު ދަނީ ޓެސްޓްތަކެއް ހަދަމުން ކަމަށެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހޮންކޮންއާ ދެކޮޅަށް ކުޅެނިކޮށް ލިބުނު އަނިޔާގެ 85 ޕަސެންޓް މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިއީ އިންޑިޔާގެ ޑޮކްޓަރު ލަފާކުރި މުއްދަތަށްވުރެ އަވަސް މުއްދަތެއް ކަމަށެވެ.
އިންޑިޔާ އަށް މިހާރު ކުރަމުންދާ ދަތުރުގައި އިމްރާން ވަނީ އޭނާ އަށް ފަރުވާދޭ ޑޮކްޓަރަށް އޭނާގެ 25 ނަންބަރު ޖާޒީ ވެސް ހަދިޔާކޮށްފަ އެވެ.
އިމްރާންގެ އުއްމީދަކީ ޑިސެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމެވެ. އޭނާ ވަނީ ރާއްޖޭގައި ފަރުވާހޯދުމަށްފަހު މިދިޔަ މަހުގެ ކުރީކޮޅު މާޒިޔާގެ ކުޅުންތެރިންނާއެކު ޖޮގިން ހަދަން ފަށައިފަ އެވެ.
2000 ވަނަ އަހަރުން ފެށިގެން ގައުމީ ކީޕަރުކަން ކުރަމުން އަންނަ އިމްރާނަކީ ރާއްޖޭގެ އެންމެ މޮޅު އަދި އެންމެ ތަޖުރިބާކާރު ކީޕަރެވެ. އޭނާއަކީ ނިއު އާއި ވިކްޓަރީގެ ކެޕްޓަންކަންކޮށް އެ ދެ ކުލަބަށް ގައުމީ ތަށި މިލްކުކޮށްދީފައިވާ ކީޕަރެވެ. އަދި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ގޯލު ބެލެހެއްޓީ ވެސް އޭނާ އެވެ.