ރާއްޖެ ކުޅިވަރު

ޓާގެޓް ހާސިލްވިޔަސް ލީގަށް ވާދަކުރާނަން: ޓީސީ

ޓީސީ ސްޕޯޓްސް ކުލަބުން މި އަހަރަށް ކަނޑައަޅާފައިވާ ޓާގެޓް ހާސިލްވި ނަމަވެސް އުރީދޫ ދިވެހި ޕްރެމިއާ ލީގު ކާމިޔާބު ކުރަން ބޭނުންވާ ކަމަށް އެ ޓީމުން ބުނެފި އެވެ.

ލީގުގައި މިރޭ ޓޭބަލުގެ ފުކުގައިވާ މަހިބަދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ އޭނާގެ ޓީމުން ބޭނުންވީ ގަދަ ހަތަރެއްގައި ހިފަހައްޓާލަން ކަމަށާއި ނަމަވެސް މިހާރު ލީގު ޗެމްޕިއަންކަން ބޭނުންވާ ކަމަށެވެ.

"މިހާރު ލިބޭ ކޮންމެ ކާމިޔާބީއެއްވާނީ ބޯނަސްއަކަށް. ޓީސީގެ ޓާގެޓް ހާސިލްވެއްޖެ. އެކަމަކު މިހާރު ލީގު ޗެމްޕިއަންކަން ޓީސީ ވަރަށް މަސައްކަތް ކުރާނެ. އެކަމަށްޓަކައި ޓީސީ ކުރިއަށްހުރި މެޗުތަކަށް ނުންނާނީ މުޅިން ތަފާތު ޓީމެއްގެ ގޮތުގައި،" ނިޒާމްބެ ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި މާޒިޔާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ޓީސީ ލީގުގައި މިވަގުތު އޮތީ 18 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. އެއީ އެއްވަނާގައިވާ ނިއު ރޭޑިއަންޓަށްވުރެ ފަސް ޕޮއިންޓް މަދުވުމުންނެވެ. ނަމަވެސް ލީގުގައި އަދި ކޮންމެ ޓީމަކަށް ވެސް ބާކީ ފަސް މެޗު އޮތުމުން ނިޒާމްބެ ބުނީ ލީގު ޗެމްޕިއަންކަން ކަމަށް ވާދަކުރަން ފުރުސަތު އެބައޮތް ކަމަށެވެ.