އެމްޑީޕީ

ދެވަނަ ވިސްނުމެއް ނެތް، މުޒާހަރާ ބާއްވާނެ: އެމްޑީޕީ

Nov 3, 2015
4

އަންނަ ހުކުރު ދުވަހު އެމްޑީޕީން ބާއްވާ މުޒާހަރާ އާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ފުލުހުން އެދިފައި ވަނިކޮށް ކުރިން ވެސް އެ މުޒާހަރާ އިއުލާންކޮށްފައިވާ ގޮތަށް ކުރިޔަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ބުނީ ހުކުރު ދުވަހުގެ މުޒާހަރާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖަލަށްލައި ނުވަތަ ބަންދުކޮށްފައިވާ އެހެން ސިޔާސީ ފަރާތްތައް މިނިވަންކުރުމަށް ގޮވާލައި، އަދި އދ. ގެ ނިންމެވުމަށް ބޯލަނބަށް ސަރުކާރަށް ގޮވާލުމުގެ ގޮތުން ބާއްވާ ސުލްޙަވެރި މުޒާހަރާއެއް ކަމަށެވެ.

"މި ސުލްޙަވެރި މުޒާހަރާ ބޭއްވުމުގެ ނޯޓިސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިހާރު މި ޕާޓީން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސަށް ދީފައެވެ،" އެ ބަޔާނުގައި ވެއެވެ.

އެމްޑީޕީންގެ ބަޔާނުގައި ބުނަނީ "މިންޖުވާން" ގެ ނަމުގައި ބާއްވާ މުޒާހަރާ އޮންނާނެ މައުލޫމާތާއި މުޒާހަރާތަކަށް ފުލުހުންގެ އެއްބާރުލުން ދިނުމާއި ބައިވެރިންނަށް ރައްކާތެރިކަންދިނުމާއި މަގުތަނަވަސްކޮށްދިނުމާބެހޭ ގޮތުން ފުލުހުންނާ މަޝްވަރާކޮށްފައިވާ ކަމަށާއި އެ މުޒާހަރާ އާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ފުލުހުން އެދިފައި ނުވާ ކަމަށާއި ދެވަނަ ވިސްނުމަކަށްދާން މި ޕާޓީން ވިސްނައިފައި ވެސް ނެތް ކަމަށެވެ.

"ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ވަރަށް އަސާސީ ޙައްޤެއްކަމަށްވާއިރު، ރާއްޖޭގައި ހިނގާ ބޮޑެތި ކަންބޮޑުވުންތަކާމެދު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޙައިސިއްޔަތުން މި ޕާޓީން އިންތިޒާމްކޮށްގެން ބާއްވާ މިފަދަ ސުލްޙަވެރި އެއްވުންތަކަށް ފުލުހުން އެއްބާރުލެއްވުން ދެއްވުމަކީ ފުލުހުންގެ މައްޗަށް ޤާނޫނުން ލާޒިމުކުރާކަމެކެވެ." ބަޔާނުގައި ވެއެވެ.