ލައިފްސްޓައިލް

ބޯފަންކުރަން އުޅުނު ކުއްޖަކު މަރު!

ސޯޝަލް މީޑިއާއަކީ އިންސާނުންނަށް ހާއްސަކޮށް ކުޑަ ކުދިންނަށް ވަރަށް ނުފޫޒު ފޯރުވާ އެއްޗެއްކަން މިހާރު އެންމެންނަށް ވެސް ޔަގީންވެ އެވެ. ޔޫޓިއުބާއި އެނޫން ވެސް އިންޓަނެޓް ސައިޓްތަކުން ފެންނަ މަންޒަަރުތައް ކޮޕީ ކުރުން އާދަވެފައި ވާއިރު މިފަދަ ކަމެއް ކޮށްގެން އިންޑިއާގެ ތުރިވަނަންތަޕޫރަމް ކައިރީގައި އޮންނަ ވެންގަނޫރު އަވަށެއްގެ ކުއްޖަކު ދާދި ފަހުން މަރުވެފައި ވެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖެކެވެ. ސިވްނާރަޔަނަން ނަމަކަށް ކިޔާ މި ކުއްޖާއަކީ ހަތް ވަނަ ކުލާހުގައި ކިޔަވާ ކުއްޖެކެވެ.

މި ކުއްޖާ މަރުވީ ޔޫޓިއުބު ވީޑިއޯއެއް ބަލައިގެން އިސްތަށިގަނޑު ފަންކުރަން އުޅެނިކޮށެވެ. މި ވީޑިއޯގައި ދައްކަނީ އިސްޕިރޭޓު ބޭނުން ކޮށްގެން އިސްތަށިގަނޑު ފަން ކުރާ ތަނެވެ. ނަމަވެސް އިސްޕިރޭޓް ހޯދަން އުނދަގޫ ވުމުން ކުއްޖާ ބޭނުން ކުރީ ސާފުތެލެވެ. -- ކަރާސީނު -- ތެލެވެ.

މި ކުއްޖާ އިސްތަށިގަނޑުގައި ކަރާސީނު ތެޔޮ ހާކައި ވީޑީއޯގައި ދައްކާ ގޮތަށް އަލިފާންދަނޑިއެއް ރޯކޮށްގެން އޭގެން އިސްތަށިގަނޑު ފަން ކުރަން އުޅެނިކޮށް އިސްތަށިގަނޑުގައި ރޯވީ އެވެ.

އިންޑިޔާ ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ މަރުވެފައިވަނީ އިސްތަށިގަނޑުގައި ރޯވެ އަދި ފަހުން ގައިގައި ރޯވެގެން ވަރަށް ބޮޑަށް ފިހިގެންނެވެ.

މިކަމެއް ކުރީ ފާހާނާ ތެރޭ ހުރެގެންނެވެ. އެ ވަގުތު ގޭގައި އުޅެނީ އެ ކުއްޖާގެ މާމަ އެކަންޏެވެ. ކުއްޖާ ގައިގައި ރޯވުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފިހިގެން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެނިކޮށް ކުއްޖާ ވަނީ މަރުވެފަ އެވެ.