ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ގުރޫޕަކުން އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުން ގެންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ގުރޫޕަކުން ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އަންހެން ކުއްޖާއަށް ހިމާޔަތް ދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިންސީ ގޯނާގެ މައްސަލަ ބަލަމުން ގެންދާ ކަމަށާ އަންހެން ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އެ ރަށުގެ ސިއްހީ މަރުކަޒަށް ދައްކާފައިވާ ކަމަށާ އަދި ހާއްސަ ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެއް ކަމަށްވާތީ އެ ރަށް ހިމެނޭ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލުގެ ސްޕެޝަލިސްޓަކަށް ދައްކާފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގަށް އިތުރު އެސެސްމަންޓްތައް ހެދުމަށްޓަކައި އެ ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ސައިކަޔަޓްރިސްޓަކަށް ދައްކާ ސައިކިއާޓްރިކް އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަަށެވެ.
ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ނިންމާ މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުން ގެންދާނެ ކަމަށެވެ.
މި މައްސަލާގައި ޝާމިލްވާ މީހުން ހައްޔަރުކުރުމަށް ގޮވާލާ އެރަށުގައި ކުރި އިހުތިޖާޖެއް ހޫނުވެ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.