މޯލްޑިވްސް ޕޮލިސް ސާވިސް

ކުށް ކުރުން ހުއްޓުވަން ފުލުހުންނަށް އެހީވުމަށް އެދިވަޑައިގެންފި

Mar 27, 2021
3

ކުށް ކުރުން ހުއްޓުވުމަށާއި ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި އެހީތެރިވުމާއި އެއްބާރުލުން ދިނުމަށް ނައިބް ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

ނައިބް ރައީސް މިކަމަށް އެދިވަޑައިގެންނެވީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ހުވާކުރުމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ފައިސަލް ވިދާޅުވީ ހަމައެކަނި ފުރިހަމަ ގާނޫނެއް އޮތުމުން އަޅުގަނޑުމެން ބޭނުންވާ މަގުސަދު ހާސިލް ނުކުރެވޭނެ ކަމަށާއި ގާނޫނުގައި ބުނާގޮތަށް، ގާނޫނުން އަންގާ ގޮތަށް ކަންތައްތައްކޮށް އަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތް ލާމަރުކަޒުކޮށް، އެ މަސައްކަތް ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާއި އަދި ރައްޔިތުންނާއި ގުޅިގެން ކުރިއަށްދާއިރު ކުށް ކުރުން ހުއްޓުވާ، ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުންނަށް އެހީތެރިކަމާއި، އެއްބާރުލުން ފޯރުކޮށްދީ، އަމާން ވެށްޓެއް ގާއިމުކުރުމަކީ އެންމެންގެ މަސްޢޫލިއްޔަތެއް ކަމަށް ދެކި އެ އަމާޒަށް ވާސިލްވުމަށް ރައްޔިތުން މަސައްކަތްކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

"އަދުލުވެރިކަމަކީ އިސްލާމްދީނުން އަޅުގަނޑުމެންގެ މައްޗަށް އެންމެބޮޑަށް ބާރުއަޅާ ކަންތައް. އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި މީހުންނަށް އިހުސާންތެރިވުމާއި ވަކި މީހަކަށްވީތީވެ އިންސާފު ލިބޭނޭކަމަށް ގަބޫލުކޮށްގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ރައްޔިތުންގެ ހިދުމަތުގައި ތިބި އެންމެހާ ފަރާތްތަކުން، ކުރާ ކޮންމެ ކަމެއްގައި އިންސާފުވެރިވުމާއި އަދުލުވެރިކަންމަތީ ތާއަބަދަށް ދެމިތިބުމަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ. ފުލުހުންގެ އެންމެ އިސް ވާޖިބަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ނަގަހައްޓާ، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް، އިންސާނީ ހައްގުތައް ހިމާޔަތްކޮށް، އަމާންވެށްޓެއް އެންމެހާ ރައްޔިތުންނަށް ޤާއިމްކޮށްދިނުން ކަމުގައިވެސް ވިދާޅުވި އެވެ. އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނެއް ވުޖޫދުވެގެން އަންނައިރު، އެއީ އައު ފެށުމެއް ކަމަށާއި އެކަމަކީ އެންމެހާ ދިވެހި ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ފުލުހުންގެ އާ ގާނޫނު މިއަދު އަމަލުކުރަން ފެށުމާއެކު ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމާތަށް އިހްތިރާމުކުރުމާއެކު ގަނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންއާންމާއި، ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިޚްތިޔާރު ފުލުހުންނަށް ލިބިގެންދާނެ އެވެ. އަދި ފުލުހުންގެ ގާނޫނުގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް"ގެ ނަން "ދިވެހި ފުލުހުންގެ ޚިދުމަތް"ގެ ނަމަށް ބަދަލުވާނެ އެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް" ކަމުގައި ހަމަޖެހިގެންދާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބް ރައީސްގެ އަރިހުގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.