އިމްރާން އަބްދުﷲ

"21 ވަނަ ގަރުނާ އެއްގޮތަށް މުއައްސަސާ ބައްޓަން ކުރެވިއްޖެ"

ފުލުހުންގެ އާ ގާނޫނާ އެކީ 21 ވަނަ ގަރުނަށް ފުލުހުންގެ މުއައްސަސާ ތަރުތީބުކޮށް، ބައްޓަންކުރެވިގެން ހިނގައްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ހުވާކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، ފުލުހުން އަދާކުރަމުން އަންނަ ޒިންމާތަކާއި މުއައްސަސާގެ ހިންގުން 21 ވަނަ ގަރުނާ އެއްގޮތަށް ބައްޓަން ކުރެވިގެން ދިއުމަކީ އެ މުއައްސަސާއަށާއި ރައްޔިތުންނަށް ލިބިގެންދާނެ ޝަރަފެއް ކަމުގަ އެވެ.

މިއަދުން ފެށިގެން އަމަލުކުރަން ފެށި ފުލުހުންގެ އާ ގާނޫނު އެކުލަވައިލުމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯހިލާއި ރައްޔިތުންގެ މަޖިލީހުން ކުރެއްވި މަސައްކަތްތައް އިމްރާންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

"މިގާނޫނުގައި ތަސައްވަރު ކޮށްދީފައިވާ ގޮތަށް ދިވެހި ފުލުހުން ތަރުތީބުކުރެވި ދިވެހިންނަށް ލާމަރުކަޒީކޮށް ހިދުމަތް ދެވިގެންދާނެ" އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ފުލުހުންގެ މުއައްސަސާއިން އަގުހުރި މައްސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއީ މުޅި މުއައްސަސާއަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.

ފުލުހުންގެ ހިދުމަަތުގެ ބިލް ފާސްކޮށްފައިވަނީ ޑިސެންބަރު 6، 2020 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގަ އެވެ. އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ޑިސެންބަރު 27، 2020 ގައެވެ. ގާނޫގައި ބުނަނީ އަމަލު ކުރަން ފަށާނީ ބިލް ތަސްދީގު ކުރާތާ ތިން މަސް ފަހުން ކަމަށެވެ.