ޅ. ކަނުހުރާ ރިސޯޓް ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) ކުންފުންޏަށް ވިއްކާލައި، ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބަލަން އިއުލާނު ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރަން އެ މިނިސްޓްރީ އިން ކުއްޔަށް ދޫކޮށްފައިވާ ޅ. ކަނުހުރާ ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް އޮތް ހައްގުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދި އެ ފަރާތުން ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ 14 ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން ޓޫރިޒަމަށް ހުށަހަޅަން ވެސް އެދިފައި ވެއެވެ.
ރަށަށް ނުވަތަ ފަޅަށް ދަރަންޏެއް އޮތް ތޯ ބަލަން އިއުލާނު ކުރަނީ ވިއްކާލުމުންނެވެ. ވިއްކާލާ ފަރާތާއި ގަންނަ ފަރާތުގެ މެދުގައި ވިޔަފާރީގެ ޑީލް ފުރިހަމަ ކުރަން ގާނޫނީ ގޮތުން މި އިއުލާނު ކުރަން ޖެހެ އެވެ. ވިއްކާލުމުގެ މުއާމަލާތް ފުރިހަމަކޮށް ރަޖިސްޓްރީ ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދިނުމުންނެވެ.
ކަނުހުރާ ރިސޯޓަކީ މޮރިޝަސްގެ ސީއެލް ކުންފުނީގެ، ސަން ރިސޯޓް ބްރޭންޑުގައި ހިންގާ ރިސޯޓެކެވެ. މި ރިސޯޓުގައި 192 އެނދު ހުންނައިރު 96 ކޮޓަރި ހުރެ އެވެ. މި ރިސޯޓު އެ ކުންފުނިން 2017 ވަނަ އަހަރު 42 މިލިއަން ޑޮލަރު (647.6 މިލިއަން ރުފިޔާ) ގެ ބޮޑު މަރާމާތެއް ކޮށްގެން އަލުން ހުޅުވާފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ކަނުހުރާ ރިސޯޓު ގަނެފައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ ސިންގަޕޫރުގެ މަހުޖަނު، އޮންގްގެ އެޗްޕީއެލް ކުންފުންޏަށެވެ. މި ރިސޯޓު ވިއްކާލި ފައިސާގެ އަދަދު ޔަގީންވާ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް އަޑު ފެތުރިފައިވާ ގޮތުގައި މި ރިސޯޓު ވިއްކާލި އަގު 40 މިލިއަން ޑޮލަރަށްވުރެ ބޮޑެވެ.
ރާއްޖޭގެ ރިސޯޓުތައް އަޕްގްރޭޑް ކުރުމަށް ފަހު ވިއްކާލުމަކީ އާއްމު ކަމެކެވެ. އާއްމު ގޮތެއްގައި ރިސޯޓެއްހުޅުވާތާ ހަތް އަހަރާއި 10 އަހަރުގެ މުއްދަތެއްގައި ރިސޯޓަށް ކުރި އިންވެސްޓްމަންޓް ރާއްޖޭގައި ކަވަރުވެ އެވެ. ރާއްޖޭގައި މިފަދަ ބޮޑެތި މުއާމާލްތައް ހިންގި ނަމަވެސް ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބެ އެވެ. މީގެ މައިގަނޑު ސަބަބަކީ ކެޕިޓަލް ގެއިން ޓެކްސް ރާއްޖޭގައި ނުނެގުމެވެ. ނަމަވެސް އިންކަމް ޓެކްސް ގާނޫނު އައުމާއެކު ކެޕިޓަލް ގެއިން ޓެކްސް ތައާރަފު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.