އެޗްޑީސީ

އެޗްޑީސީން އިމާރާތްކުރާ ތަންތަން ވިއްކަން އެޖެންޓުން ހޯދަނީ

ހުޅުމާލެ ބަލަހައްޓާ، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިމާރާތް ކުރާ ތަންތަން، މާކެޓުކޮށް ވިއްކާނެ އެޖެންޓުން ހޯދަން ފަށައިފި އެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން އެކި ބޭނުންތަކަށް އިމާރާތްކޮށް ތަރައްގީ ކުރާ ޔުނިޓްތައް އެ ކޯޕަރޭޝަނާއި ގުޅިގެން މާކެޓްކޮށް ވިއްކުމަށް ސޭލްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ފުރުސަތު ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މި ދާއިރާގައި ހަރަކާތްތެރިވާނެ ފަންނީ މީހުން އުފެއްދުމާއި، މިގޮތަށް މަސައްކަތް ކުރާނެ ފުރިހަމަ ޕްލެޓްފޯމްއެއް ގާއިމް ކުރުން ކަމަށެވެ. މިގޮތުން މިފަދަ ޕްރޮޕަޓީތައް ވިއްކާ ފަރާތްތަކަށް ވިއްކާތަނުން ކޮމިޝަންވެސް ލިބޭނެ އެވެ.

އެ ކުންފުނިން ބުނީ ސޭލްސް އެޖެންޓުންގެ ގޮތުގައި ކުރިމަތިލާން ބޭނުންވާ އަންނަ މަހުގެ 15 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާއިރު، މި ކަމަށް ކުރިމަތިލާ އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކުން ރަޖިސްޓްރީ ވުމަށް ފީ އެއްގެ ގޮތުގައި 1،000 ރުފިޔާ ނަގަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކުންފުނިތަކަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުމުގެ ގޮތުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާ ކަމަށެވެ.

އެޗްޑީސީ އިން ބުނީ މި ފުރުސަތު ލިބޭނީ އެ ކަމަށް ހާއްސަކޮށް ތަމްރީން ދިނުމަށް އެސެސްމެންޓްޓެއް ހަދައި، މާކްސް ހޯދާ 10 ފަރާތަކަށް ކަމަށެވެ.

އެ ކުންފުނިން ބުނީ އަމާޒަކީ އިމާރާތް ކުރުމުގެ ދާއިރާ އަށް ހުނަރުވެރި ގިނަ ބަޔަކު ނެރެ، ވިޔަފާރި ކުރުމަށް ފަހި ފުރުސަތު ތަކެއް ކުރިމަގުގައި ވެސް ފަހިކޮށް ދިނުން ކަމަށެވެ.

ރާއްޖެއަކީ ފުރިހަމަ ވެފައިވާ ރިއަލްއެސްޓޭޓް މާކެޓެއް އޮތް ގައުމަކަށް ނުވުމުން ޕްރޮޕަޓީތައް ވިއްކުމުގައި ހަރަކާތްތެރިވަނީ ނިސްބަތުން މަދު ބައެކެވެ. އަދި ކުންފުނިތަކުގެ ގޮތުގައި ޕްރޮފެޝަނަލް ލެވަލްއެއްގައި މި މަސައްކަތް ކުރާ މީހުން ނިސްބަތުން މަދެވެ.