މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫ ޕޮލިސް އެކެޑަމީ މިއަހަރު ފެށޭވަރު ވާނެ: އިމްރާން

އިންޑިއާގެ އެހީގައި އައްޑޫގައި ހަދާ ޕޮލިސް އެކެޑަމީ މިއަހަރު ފަށައިގަނެވޭނެކަމަށް ބެލެވޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ތިރީސް މިލިއަން ޑޮލަރުގެ އެހީގެ ދަށުން އިންސްޓިޓިޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އައިލްސް) ގެ ނަމުގައި އައްޑޫގައި ޕޮލިސް އެކެޑަމީއެއް ހަދަން ފެށީ 2012 ވަނަ އަހަރު އެވެ. އެ އެކެޑަމީ ހަދަނީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ޓްރެއިން ކޮށް ލޯ ސްކޫލެއްވެސް ހިންގާ ގޮތަށެވެ.

ރޭ ޕީއެސްއެމްއިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު އިމްރާން ވިދާޅުވީ އައްޑޫގައި ހަދާ އެކެޑެމީގައި ދެވޭ ތަމްރީން މިއަހަރު ފަހުކޮޅު ފެށޭނެކަމަށް ބެލެވޭ ކަމަށެވެ.

"އައްޑު އަތޮޅުގައި ގާއިމު މި ކުރެވޭ ފުލުހުންނަށް ދެން ހާއްސަކޮށް ލޯ އެންފޯސްމަންޓާއި ގުޅުންހުރި ތަމްރީންތަކަށް އަޅުގަނޑުމެން ވިސްނަމުން ދާއިރު އަޅުގަނޑު ގަބޫލު ކުރަނީ މިއަހަރުގެ ފަހުކޮޅުގައި ހަމަ ރަނގަޅަށް ފަށައިގަނެވިގެން ދާނެ ކަމަށް. ދެން ސީދާ ޑޭޓެއް އަޅުގަނޑު މި ވަގުތު ދެންނެވުން އެހާ ރަނގަޅު ނޫން ކަމަށް ވެދާނެ" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އައްޑޫގައި ޕޮލިސް އެކެޑަމީއެއް ހަދަމުންދާއިރު ދ. ވާނީގައިވެސް އިންޑިއާ ސަރުކާރުގެ އެހީގައި ވަނީ ޕޮލިސް ޓްރެއިނިން ސެންޓަރެއް ގާއިމްކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ އެކެޑެމީ ފަށައިގަތުމުން ވާނީގައި ދޭ މުހިންމު ތަމްރީންގެ މުހިންމު ބައިތަކެއްް އައްޑޫއަށް ބަދަލުކުރާނެ ކަމަށެވެ. އެއާއެކު ވާނީގައިވެސް ދޭނީ ވަކި ކަހަލަ ތަމްރީންތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އޭރުން ވެސް އަޅުގަނޑުމެނަށް ދެ މާހައުލެއްގައި ދެ ސިފައެއްގެ ދެވޭ ތަމްރީންތައް ދެވިގެން ދިއުމަކީ އެ ތަމްރީނަށް ލިބިގެން ދާނެ އިތުރު ހިތްވަރެއް އިތުރު ބާރެއް. އަދި އަލަށް ރެކްރޫޓް ކުރެވޭ ކުދިންނަށް މުޅި ހިދުމަތަށް އަވަހަށް ދިއުމަށްޓަކައި މަގުފަހި ކުރެވިގެން ދާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ބަދަލާއެކު ފުލުހުން ރެކްރޫޓްކުރުމާއި ޓްރެއިނިންނަށް ގެންދިއުމަށް ދެން އަވަސް ވާނެ ކަމަށެވެ. މިހާރު އޮންނަ އިންތިޒާމްގެ ތެރެއިން ފުލުހުން ރެކްރޫޓްކުރުމަށްފަހު ތަމްރީނަށް ނުފޮނުވި އަހަރެއްހާ ދުވަސްވެސް ހޭދަވެ އެވެ.