ވިޔަފާރި

ލޯނު ދައްކަން ބޭންކުތަކުންދޭ މުއްދަތު އިތުރު ކުރަންޖެހޭ: ޗަމްޕާ އަފީފް

ޗަމްޕާ ހުސެއިން އަފީފު.--އަވަސް ފޮޓޯ
0%
0%
0%

ރާއްޖޭގެ ބޭންކްތަކުން ދޫކުރާ ލޯނު ދައްކަން މިހާރު ލިބޭ މުއްދަތު އިތުރު ކުރަން ޖެހިފައިވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް (ޗަމްޕާ އަފީފް) މިރޭ ވިދާޅުވެއްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ އަފީފް ވިދާޅުވީ ބޭންކުތަކުން މިހާރު ލޯނު ދައްކަން ދޭ ލެންޑިން ޕީރިއަޑް އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.

"ނަވާރަ ސަތޭކަ ހަތްދިޔަ ހަތަރެއްގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ ހުޅުވިއިރު ތިން އަހަރަށް، ހަތަރު އަހަރަށް ލޯނުދެނީ 21 ޕަސެންޓުގައި. އަޅުގަނޑުމެންނަށް ރަށެއް މި ލިބެނީ ފަސް އަހަރަށް. ދެން ނުދެއްކިގެން ކޮމްޕަރުންޑް ވެގެންގޮސް 39 ޕަސެންޓަށް އެބަ އިތުރުވޭ،" އަފީފު ވިދާޅުވި އެވެ.

ފައިނޭންސް ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަން.--އަވަސް ފޮޓޯ

އޭނާ ވިދާޅުވީ އޭރު ފަސް އަހަރަށް ރިސޯޓެެއް ކުއްޔަށް ދޫކުރިއިރު ވެސް ލޯނު ދައްކަން ޖެހެނީ ފަސް އަހަރު ކަމަށާއި،ނަމަވެސް މިހާރު ރިސޯޓެއް 99 އަހަރަށް ރަށެއް ލިބޭއިރުވެސް މުއްދަތު ބަދަލު ނުވާ ކަމަށެވެ. އެހެންކަމުން މިއީ ސަރުކާރުން ވިސްނަން ޖެހޭ ކަމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިހާރުވެސް ބޭންކް އޮފް މޯލްޑިވްސް ނޫނީ މި ލިބެނީ އެގޮތަށް. ގްރޭސްޕީރިއަޑް މިލިބެނީ އެއް އަހަރު. އަޅުގަނޑަށް ހީވަނީ އެއަށް ބަދަލެއް ގެނެސްފިއްޔާ ވަރަށް ރަނގަޅުވާނެ. އޭރުން ރިސޯޓު ޕްރޮޖެކްޓަކަށްވިއަސް ވިޔަފާރިއަކަށްވިޔަސް އޭގެ ފައިދާ ކުރާނެ،" އަފީފު ވިދާޅުވި އެވެ.

"ލޯނު ދެއްކުމަށް ލިބޭ މުއްދަތު 10 އަހަރު ވަރަށް އިތުރު ކޮށްލައިފިނަމަ ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ."

ރާއްޖޭގެ ސްޓޮކް އެކްސްޗޭޖުގައި އިންވެސްޓްކުރުމަށް ހުރި ދަތިތަކާ ބެހޭ ގޮތުން ޗަމްޕާ އަފީފް ވިދާޅުވީ ސްޓޮކް އެކްސްޗޭޖަށް ދާން ބޭނުންވިނަމަވެސް ކުރިން ކަންދިމާވި ގޮތުން އުންމީދު ގެއްލިފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ ސްޓޮކް އެކްސްޗޭންޖު ފެއްޓިއިރު އޭގައި އެބަޖެހޭ ލިޔަން އަޅުގަނޑުމެން އުޅޭ ޕާޓީވެސް. އެހާ ހިސާބުން އުންމީދު ކެނޑިގެން ދިޔައީ.އެހެމްވެ މިހާރު މުޅިން އާ ގޮތަކަށް ސްޓޮކް އެކްސްޗޭންޖު ދައްކައިގެން އެކަމަށް އެންކަރޭޖު ކުރަން މި ޖެހޭނީ،" އަފީފު ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345