މޯލްޑިވްސް ޕޮލިސް ސާވިސް

މަގާމުގެ ދެވަނަ ދައުރަކަށް ފުރުސަތު ބޭނުން: ސީޕީ ހަމީދު

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމު އަދާ ކުރެއްވުމަށް އިތުރު ދައުރަކަށް ފުރުސަތު ލިބިއްޖެނަމަ ކުރިމަތިލައްވާނެ ކަމުގައި މިވަގުތު އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ އާ ގާނޫނުގައިވާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އިތުރު ދައުރަކު ހުންނެވުމަށް އެދިވަޑައިގަންނަވާނަމަ އަލުން އެ މަގާމަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މަގާމުގައި އިތުރު ދައުރަކަށް ހުންނެވުމަށް އެ ފުރުސަތު ލިބިވަޑައިގަންނަވައިފިނަމަ ސީޕީގެ މަގާމަށް ކުރިމަތިލެއްވުމަކީ ވިސްނަވާނެ ކަމެއް ކަމުގައިވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުމުރުން އަދި 43 އަހަރު. އެހެންވީމާ [މިއީ] ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަކަށް ވަރަށް ޒުވާން އުމުރެއް ކަންނޭނގޭ އެހެން ގައުމުތަކާ އަޅުވާ ބަލާއިރު،" ހަމީދު ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށްޓަކައި އެމަނިކުފާނާއި ފުލުހުންގެ އެގްޒެކްޓިވް ބޭފުޅުންގެ ޕްލޭންތަކަކާއި ރަނގަޅު ވިސްނުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެކަންކަން ތަންފީޒުކޮށް ނަތީޖާ ނެރުމަކީ އެއް އަހަރުން ނުވަތަ ދެ އަހަރުން ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މިދަންވަނީ ކޮންމެހެނެއް އަޅުގަނޑުގެ ވިސްނުންތަކަކީ، މިމުއައްސަސާ ތަރައްގީކުރުމުގެ ވިސްނުމަކީ ހަމައެކަނި އަޅުގަނޑުގެ ވިސްނުމެއް ނޫނޭ. އެހެން އެގްޒެކްޓިވް ވެސް އެ ވިސްނުން ހުންނާނެ. މިތަނުގައި އެބަ ތިއްބެވި ވަރަށް ގާބިލް ކަމަށް އެކަށީގެންވާ ބޭފުޅުން. އެހެންނަމަވެސް އަޅުގަނޑަށް އެ ފުރުސަތު އޮތިއްޔާ އެކަމާ ވިސްނާނަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ އާ ގާނޫނުގެ 51 ވަނަ މާއްދާއާއި 52 ވަނަ މާއްދާގައިވާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިއަށް އޮތް ދުވަސްތަކުގައި އެއްވެސް ބޭފުޅަކު އައްޔަންކުރެވޭނީ ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ހަމަވުމުގެ 90 ދުވަހުގެ ކުރިން އެ ފުރުސަތު އޮތްކަން އެންގުމަށް އާންމުކޮށް އިއުލާން ކުރުމުން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިންނެވެ. ގާނޫނު ބުނާ ގޮތުން ކޮމިޝަނާގެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލެއްވުމަކީ ހޯމް މިނިސްޓަރުގެ ޒިންމާ އެކެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެއްވޭނީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ބޭފުޅުންނަށް ކަމަށްވެސް އާ ގާނޫނުގައިވެ އެވެ. މި މަގާމަށް ކުރިމަތިލައްވާ ބޭފުޅުން ވަަޒަންކުރުމަކީ ޕޮލިސް ބޯޑުގެ ޒިންމާ އެކެވެ. ބޯޑުން ނަންތައް ވަޒަންކޮށް ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަންކުރައްވަން ވާނީ މިނިސްޓަރުގެ ލަފާގެ މަތިން ކަމަށްވެސް ގާނޫނުގައި ބުނެ އެވެ.

ނަމަވެސް އާ ގާނޫނަށް އަމަލުކުރަން ފަށާއިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ބޭފުޅަކު ހުންނެވިނަމަ އެ ބޭފުޅަކީ މި ގާނޫނާ އެއްގޮތަށް އައްޔަންކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމުގައިވެސް ގާނޫނުގައިވެ އެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ބޭފުޅަކު މަރުވުމުން ނުވަތަ މަގާމުން ވަކިކުރުމުން ނުވަތަ އިސްތިއުފާ ދެއްވާ ހާލަތެއްގައިވެސް އަމަލުކުރަންޖެހޭނީ ގާނޫނުގެ 51 ވަނަ މާއްދާއާއި 52 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށްވެސް ގާނޫނުގައިވެ އެވެ. އެކަމަކު މިފަދަ ހާލަތެއް ކުރިމަތިވެ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމު ހުސްވާ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަގާމަށް ބޭފުޅަކު އައްޔަންކުރައްވަން ވާނެ ކަމުގައިވެސް އާ ގާނޫނުގައި ވަނީ ބުނެފަ އެވެ.

ގާނޫނުގެ 54 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވޭނީ ހަތަރު އަހަރުގެ ދައުރަކަށް ކަމަށެވެ. އަދި އެ ދައުރު ފުރިހަމަވުމުން ހަތަރު އަހަރު ދުވަހުގެ އިތުރު އެއް ދައުރަށް އޭނާ އެ މަގާމަށް އައްޔަންކުރެއްވިދާނެ ކަމަށްވެސް މި މާއްދާގައި ވަނީ ބުނެފަ އެވެ.