މޯލްޑިވްސް ޕޮލިސް ސާވިސް

މާފަންނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފި

Mar 30, 2021

މާލޭގެ ވެސްޓް ޕާކް ސަރަހައްދުގައި ހަދާފައިވާ މާފަންނު ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.

އެ ސަރަހައްދުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމުގައިވާ އަބްދުލް މަންނާން ޔޫސުފާއި އަލީ ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުންނާއި މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅުގައި އިންސާނީ މުޖުތަމައެއްގެ ތެރޭގައި ހަމަޖެހުމާއި މަސްލަހަތު ގާއިމުކޮށް، ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އުފައްދާފައިވާ މުއައްސަސާއަކީ އަބަދުވެސް އެންމެ ޝަރަފުވެރި އަދި ގަދަރާއި އިހުތިރާމް ލިބިގެންވާ މުއައްސަސާ ކަމުގައި ވިދާޅުވި އެވެ. ދިވެހިރާއްޖޭގައި އެޒިންމާ ފުލުހުން އަދާކުރަމުންދާތާ 88 އަހަރު ވެގެންދާއިރު ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އައިސް، މިއަހަރު މި ބައްދަލުކުރީ އުފާވެރި މުނާސަބަތެއް ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ފުލުހުންގެ ހިދުމަތުގެ ގާނޫނު އަލަށް ވުޖޫދުކުރެވި އަމަލުކުރެވިގެން ދިއުމަކީ ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމެއް ކަމަށާއި ފުލުހުންގެ މަސައްކަތަށް މަގުދައްކައިދޭ ފުލުހުންގެ ދުރު، ދިގު ރާސްތާއަށް އަލިކޮށްދޭ ބައްތިއެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ހުރިހާ ފުލުހުންނަކީ ފުލުހުންގެ އައު ގާނޫނަށް އަހުލުވެރި، ގާނޫނުގައި ބުނާ ކަންކަމަށް ރަނގަޅަށް ފުރިހަމައަށް އެނގޭ ބަޔަކަށް ވުމަށް އިލްތިމާސް ކުރަން. އައު ގާނޫނުގެ ދަށުން ގިނަ ގަވާއިދުތަކެއް ހެދިގެންދާނެ. މިއީ ފުލުހުންގެ ހިދުމަތް ފުރިހަމައަށް ބައްޓަންކޮށްދީ ސަފުތައް ތަރުތީބުކޮށްދީ މަސައްކަތުގެ ރާސްތާ ކަނޑައަޅައި ދޭނެ މަސައްކަތަކަށް ވެގެން ދާނެ. އަދި ގާނޫނާއި ގަވާއިދުތަކަށް ބިނާކޮށް ދެވޭ ހިދުމަތް ވެގެންދާނީ ދިވެހިން އުންމީދުކުރާ، ދިވެހިން ބޭނުންވާ، ދިވެހިން އެބަޔަކަށްޓަކައި ފަހުރުވެރިވާ ފުލުހުންގެ މުއައްސަސާއެއް ގާއިމު ކުރުމުގެ މަސައްކަތަކަށް،" ފުލުހުންނަށް އިލްތިމާސް ކުރައްވާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިދުމަތެއް ދިނުމަށްޓަކައި ނުވަތަ ޒިންމާއެއް އަދާކުރުމަށްޓަކައި ދެ ސިފައެއް ލިބިގަންނަން ޖެހޭ ކަމަށެވެ. އެއީ އެމަސައްކަތެއް ކުރުމަށްޓަކައި ކޮންމެހެން ލިބިގަންނަންޖެހޭ ގާބިލުކަމާއި ހުނަރު ލިބިގަތުމާއެކު އެ މަސައްކަތުގައި އިހުލާސްތެރިކަމުގެ ސިފަ އަށަގެންނެވުން ކަމަށެވެ. އަދި ގާބިލުކަމާއި އިހުލާސްތެރިކަން އެމީހެއްގެ ކިބައިގައި އަށަގެންނެވިއްޖެނަމަ އެމީހަކު ވެގެންދާނީ މަސައްކަތުގައި ނަމޫނާ އަކަށް ކަމުގައިވެސް ވިދާޅުވި އެވެ. ކޮންމެ ފުލުހަކީ އާ ގާނޫނާއި، ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ އެކުގައި ނަމޫނާއަކަށް ވެއްޖެނަމަ، މުއައްސަސާއަށްޓަކައި އެންމެންވެސް ފަހުރުވެރިވެ އުފާކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ އިޖުތިމާއީ ޒިންމާ ވަރަށް ބޮޑުކަން ފާހަގަކުރެއްވި އެވެ. ރައްޔިތަކަށް ދަތިވާ، އުނދަގުވާ އަދި ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުހުން އެކަމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަތުކުރިއޮޅާލައި ތައްޔާރަށް ތިބެންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އޯގާތެރިކަމާއި ކުލުނާ އިހުތިރާމާއެކު ހިދުމަތް ފޯރުކޮށް ދިނުމަކީ ކޮންމެ ފުލުހެއްގެވެސް މަސްއޫލިއްޔަތާއި ޒިންމާއެއް ކަމުގައި ގަބޫލުކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ނަވީން ވިދާޅުވީ މާފަންނު ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ ސަބަބުން އަވަށްޓެރި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންނާ ހިއްސާކޮށް ފުލުހުންނާ ބައްދަލުކޮށް ރައްޔިތުންގެ ހިޔާލުތައް ހިއްސާކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މާފަންނު ޕޮލިސް ސްޓޭޝަން ކުރިން ހިންގަމުން ގެންދިޔައީ އައިޖީއެމްއެޗްގެ ކައިރީގައި ހުންނަ ފަންހިޔާ ބިލްޑިން ގައެވެ. މާފަންނު ޕޮލިސް އާ އިމާރާތަކަށް ބަދަލުވެގެން ދިއުމާއެކު އެ ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި މެރިން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަތަކެއް ވާނެ ކަމަށް ފުލުހުންގެ އިދާރާ އިން ވަނީ ބުނެފަ އެވެ.