ވިޔަފާރި

"އައިފޯނެއް ނުގަނެ، މާލީ ދާއިރާގައި އިންވެސްޓްކުރޭ"

ފައިސާކޮޅެއް ލިބޭއިރަށް ފޯނެއް ގަތުމުގެ ވިސްނުން ދޫކޮށް، މާލީ ދާއިރާގައި އިންވެސްޓްކުރަން ޖެހިފައިވާ ކަމަށާއި، އެ ފުރުސަތު ރާއްޖޭގައި އެބައޮތް ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.

މަރުކަޒީ ބޭންކުން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި ބޭއްވި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅޫ ދައްކަވަމުން ޑރ. އަޒީމާ ވިދާޅުވީ ބޮންޑް މާކެޓަށް ދާން ހުރި ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކުވެސް ހީވަނީ މާ އާދައިގެ މީހެކޭ ބޮންޑެއް ގަންނަން. އެހެންވީމަ މަދު ލާރިކޮޅެއް ލިބުނީމަ އަޅުގަނޑު ވެސް މި ގަންނަނީ އައިފޯނެއް. ކޮންމެހެން ބޮންޑެއްގައި އިންވެސްޓްކުރާކަށް ނޫޅެ. ވިސްނުން ހުންނަނީ އަޅުގަނޑުމެންގެ މާ މަތީގައި އޮތް އެއްޗެކޭ ފައިނޭންޝަލް ސެކްޓާއަކީ. އެހެންވެ މި ފައިނޭޝަލް އެކްސްޕޯ ބޭއްވުމުގެ ބޭނުމަކީވެސް،" އަޒީމާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ކިތަންމެ ކުޑަކުޑަ ލާރިކޮޅެއް ލިބުނަސް ފައިނޭންޝަލް ސެކްޓާއަށް އެބަ ވަންނަން ޖެހޭ ކަމަށެވެ.

"ގޭގައި ހުރެގެން ކޭކު އަޅާ މީހާވެސް ފައިނޭންޝަލް ސެކްޓާ ތެރެއިން ދިޔައިމަ މި ޑެވްލޮޕްވާނީ. އަޅުގަނޑުމެންގެ މަގުސަދަކީ މިކަން ހޭލުންތެރި ކުރުވުން. ސޭވިސްން ކަލްޗާއެއް ބިލްޑް ކުރަން ޖެހޭ. މިކަހަލަ ވާހަކަ ދައްކައިގެން ކުރިއަށް ގެންދެވޭނީ،" ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ސަރުކާރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓް ކުރުމަށް ޕްރައިވެޓް ސެކްޓާއަށް ހުޅުވާލާފައިވާ ކަމަށާއި، ނަމަވެސް ޕްރައިވެޓް ސެކްޓާއިން ޓީ-ބިލް ނުކަމަށެވެ.

"ވިސްނުން މި ހުންނަނީ އަޅުގަނޑުމެން މާ ކުޑައޭ ސަރުކާރުގެ ޓީ-ބިލް ގަންނަ ވަރަށްވުރެ.ކުރިން އިންޓްރެސްޓް ރޭޓު ހުރީ ވަރަށް މަތީގައި. ނަމަވެސް މިހާރު އެދިޔައީ ވަރަށް ބޮޑަށް ދަށަށް. ކޮންމެ ގައުމެއްގައިވެސް ގަވަމަންޓް ސެކިއުރިޓީސްއަކީ ރިސްކް ފްރީ ސެކިއުރިޓީސް. އެ ދަށުގައި ހުންނަން ޖެހެނީ. އެ ދަށުގައި ހުރެގެން އެހެން އިންޓްރެސްޓް ރޭޓްތައް ދަށުގައި ހުންނާނީ،" ގަވަރުނަރު ވިދާޅުވި އެވެ.

ސަރުކާރުގެ ޓީ-ބިލްގެ އިންޓްރެސްޓް ރޭޓު ކުރިން ހުރީ ނުވަ ޕަސެންޓުގަ އެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އެ އަދަދު 4.5 ޕަސެންޓަށް ދަށްކޮށްފަ އެވެ.

އަޒީމާ ވިދާޅުވީ ޓީ-ބިލް އިންޓްރެސްޓް ދަށްވެގެން ދިޔައީ ސަރުކާރާއެކު ގިނަ ވާހަކަ ތަކެއް ދައްކައިގެން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިއީ ވަރަށް ރަނގަޅު ބަދަލެއްހެން،" އަޒީމާ ވިދާޅުވި އެވެ.

ޓީބިލްގެ އިންޓްރެސްޓް ރޭޓް ދަށްކުރިކަން އިއުލާނު ކުރައްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައިވަނީ މީގެ ސަބަބުން ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ދައްކުރަން މަޖުބޫރުވާނެ ކަމަށެވެ.