މިއަދު މެންދުރު 12:00 އިން ފެށިގެން ކުރިއަށް އޮތް އެއް މަސް ދުވަހަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައިފި އެވެ.
މިއީ ރާއްޖޭގެ ފަހުގެ ތާރީހުގައި ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނުކުރި ދެވަނަ ފަހަރެވެ. ރައީސް އޮފީހުގައި މިއަދު ކުއްލި ގޮތަކަށް ނޫސްވެރިންނާ އްދަލުކުރައްވައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައީސުލް ޖުމްހޫރިއްޔާ އެކުލަވާލެއްވި ރިޔާސީ ގަރާރު އިއްވައިދެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.
ރައީސް ގެ ގަރާރުގައި ބުނަނީ 28 ސެޕްޓެމްބަރުގައި ރައީސް އަބްދުﷲ ޔާމީން މާލެ ވަޑައިގެންނެވި "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ރާއްޖޭގެ ފުލުހުންނާއި ސިފައިން ހިންގާ އޮޕަރޭޝަންގައި ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާރާއި ނުރައްކާތެރި ގޮވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ހަތިޔާރުތަކުގެ ތެރެއިން ބައެއް ހަތިޔާރު އަދިވެސް މަދުވާ ކަމަށާއި ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުން ކުރުމަށް ބަޔަކު މަސައްކަތް ކުރާ ކަމުގެ ކަށަވަރު މައުލޫމާތު ލިބިފައިވާތީ އެއީ ރާއްޖޭގެ ރައްޔިތުންގެ ފުރާނަ އާއި އަދި ގައުމީ ސަލާމާތަށް ނުރައްކާވެދާނެ ކަމެއް ކަމުގައި ދެކި ވަޑައިގަންނަވާތީ މިއަދުގެ މެންދުރު 12:00 އިން ފެށިގެން ކުރިއަށް އޮތް އެއްމަސް ދުވަހަށް ރާއްޖޭގައި ކުއްލި ހާލަތު އިލުލާނުކުރަން ނިންމާފައިވާ ކަމަށެވެ.
"ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ މިވަނީ ދިވެހި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފަ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވުމާއި ގުޅިގެން އެ ގަރާރު މިއަދު ގެޒެޓް ކުރެވޭނެ،" ގަރާރު ނިންމަވާލެއްވުމަށްފަހު އަނިލް ވިދާޅުވި އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިޔަސް އާންމު ދިރިއުޅުމަށް ދަތިވާ އެއްވެސް ގޮތަކަށް އަމަލު ނުކުރާނެ ކަމަށް ރައީސްގެ ގަރާރުގައި ބުނެފައިވެ އެވެ. އެގޮތުން ބޭނުން ގަޑިއެއްގައި ބޭރަށް ނިކުތުމާއި ދަތުރު ކުރުން ފަދަ ކަންކަން ހުއްދަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ހަނިކޮށްފައިވާ ހައްގުތައް:
1- 19 ވަނަ މާއްދާ: މަނާކުރެވިފައި ނުވާ މިނިވަންކަން
2- 24 ވަނަ މާއްދާ: ޒާތީ ދިރިއުޅުން
3- 31 ވަނަ މާއްދާ: ހަޅުތާލުކުރުން
4- 32 ވަނަ މާއްދާ: އެއްވެ އުޅުމުގެ މިނިވަން ކަން
5- 41 ވަނަ މާއްދާގެ: ހ ދަތުރުފަތުރުކުރުމުގެ މިނިވަންކަން
6- 45 ވަނަ މާއްދާ: ގާނޫނާ ހިލާފަށް ހައްޔަރުކުރުމާއި ބަންދު ނުކުރުން (މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ހައްޔަރުކުރުމާއި ބަންދުކުރުން ފިޔަވައި ދެން ހުރި ކަންކަން)
7- 47 ވަނަ މާއްދާ: ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން
8- 100 ވަނަ މާއްދާގެ ރ ގައިވާ 14 ދުވަހުގެ މުއްދަތު 7 ދުވަހަށް ކުޑަކުރުން
9- އަމުރުކުރުން ހުއްޓާލެވޭ ގާނޫނު : ގާނޫނު ނަންބަރު 1/2013 ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު
ކުއްލި ނުރައްކަލުގެ މުއްދަތުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުވޭ މީހުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު ހިފަހައްޓާފައެއް ވެސް ނުވެ އެވެ. އެފަދަ ފަރާތްތައް ހިފައި ހައްޔަރު ކުރާނީ ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ހަމަތަކުގެ މަތިންނެވެ.
އޭޖީ ވިދާޅުވީ ސަރުކާއި ސަލާމާތީ ހިދުމަތްތަކުގެ އެންމެ ބޮޑު ޒިންމާއެއް ކަމަށް ދެކެނީ ދިވެހި ރައްޔިތުންނަށް ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަން ކަމާއެކު އުޅެވޭނެ ގޮތް ކަށަވަރުކޮށް ދިނުމަށް ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންނާއި ރާއްޖޭގައި އުޅޭ މީހުން ދިވެހި ދައުލަތުގެ މިނިވަން ކަމާއި ސިޔާދަތު، ރާއްޖޭގެ ސަރަހައްދު ރައްކާތެރި ކުރުމަށް ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން އަރުވާ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ.
ރައީސްގެ ގަރާރުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތަކުގެ ތެރެއިން ގާނޫނު އަސާސީން ލިބިދީފައިވާ ބައެއް ހައްގުތަކާ މިނިވަންކަން ހަނިކުރެވިގެން ދަނީ ގާނޫނު އަސާސީގެ 205 ވަނަ މާއްދާގެ ހުދޫދުގެ ތެރެއިން ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ ހާލަތުގައި ކޮންމެހެން އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާނީ ހަމަ އެކަނި ހާލަތުގެ ގޮތުން ހިފަހައްޓަން ޖެހޭ މިންވަރަށް އެކަނި ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 2004 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12، އަދި 13 ގެ ހާދިސާތަކަް ފަހު އޭރުގެ ރައީސް މައުމޫނެވެ.