ކްރިމިނަލް ކޯޓް

އައްޑޫ ވިޔަފާރިވެރިޔާ މަރާލުމުގައި ބައިވެރިވި ދެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ އަލީ އަބްދުﷲގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި ދެ މީހެއްގމައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަލީ އަބްދުﷲގެ މަރު މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ސ. ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދާއި، އެ ރަށު އައްޒާ، މުބާރިކު މުހައްމަދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

މި ދެ މީހުންގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ ގާނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި ހާވާލާދީ އެގާނޫނުގެ 30 ވަނަ މާއްދާގެ (ރ)ގެ ދަށުންނެވެ. ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ މި ދެ މީހުންނާ ދެކޮޅަށް 27 ހެއްކެއް ޝަރީއަތަށް ހުށަހަޅާފަ އެވެ. މައޫޒުގެ ފަރާތުން މި މައްސަލައިގައި ދިފާއީ ހެކިންގެ ގޮތުގައި ހަތް ހެއްކެއް ހުށަހެޅިއިރު މުބާރިކު ވަނީ ހަ ހެއްކެއް ހުށަހަޅާފަ އެވެ.

ކްރިމިނިލް ކޯޓުގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ދައުލަތުން އުފުލި ދައުވާ މައޫޒު އާއި މުބާރިކުގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.

އަލީ އަބްދުﷲ މަރާލުމުގެ ކުށުގައި އޭނާ އަށް ބޮޑު ބޭބެ ކިޔާ އަހްމަދު އިބްރާހިމް ދީދީގެ މައްޗަށް ދައުލަތުން ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފަ އެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށް ލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އަލީ އަބްދުﷲ މަރާލުމުގެ ކުށުގައި އަހްމަދު އިބްރާހީމް ދީދީއާއި، މައޫޒުއާއި މުބާރިކްގެ އިތުރުން ސ. ހިތަދޫ، ނަޝީދީގޭ، މުހައްމަދު ޝިފާޒްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު ޝިފާޒުގެ ދައުވާ އަދި ވަކި ގޮތަކަށް ނިމިފައެއް ނުވެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަލީ އަބްދުﷲ ސައިކަލުގައި ދުއްވާފައި ދަނިކޮށް، އޭނާގެ ސައިކަލުގައި އަހްމަދު އިބްރާހިމް ދީދީ ފައިން ޖަހައި ވައްޓާލައި، އަބްދުﷲ އަލީގެ ކަރުގައި ވާފަށެއް އަޅުވައި، އޭނާގެ ކަރަށް ބާރުކޮށް، މަރާލާފައިވާ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ. މައޫޒު އާއި މުބާރިކް އަދި ޝިފާޒު ވަނީ އަބްދުﷲ އަލީ އެދިގެން އަލީ އަބްދުﷲގެ ހަށިގަނޑު، ހިތަދޫ މޫލުކެޑެ ސަރަހައްދުގައި އޮތް އޮޅެއްގެ ތެރެއަށް ގެންގޮސް ދިނުމަށް އެހީތެރިވެފައި ކަމަށްވެސް ދައުލަތުގެ ދައުވާގައި ބުނެފައިވެ އެވެ.

އަލީ އަބްދުﷲ މަރާލާފައިވާ އޮއްވާ ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. މި މައްސަލާގައި ފުލުހުން ބުނެފައިވަނީ އޭނާ މަރާލާފައިވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ވަނީ ހޯދާފަ އެވެ.