ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅުން އައްޔަންކުރައްވައިފި އެވެ.
މި މަގާމަށް އައްޔަންކުރެއްވީ ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ތިން އޮފިސަރުން ކަމުގައިވާ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރު އެވެ.
ފުލުހުންގެ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ބޭފުޅުންނަށް މަގާމުގެ ކުރިއެރުން ދެއްވާ، ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅުން އައްޔަންކުރައްވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ.
ފާތިމަތު ނަޝްވާ މިވަގުތު ހުންނެވީ އަޕަ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގަ އެވެ. ފުލުހުންގެ ހިދުމަތުގައި 25 އަހަރު ހޭދަކުރައްވާފައިވާ ނަޝްވާ ޑިގްރީ ހާސިލުކުރައްވާފައިވަނީ މާސް ކޮމިއުނޭކޭޝަންގެ ދާއިރާ އިންނެވެ. އަދި މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިންނެވެ.
އިޒްމިއާ ޒާހިރު މިވަގުތު ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯމް ޑިޕާޓްމަންޓްގެ މަގާމުގަ އެވެ. ފުލުހުންގެ ހިދުމަތުގައި 16 އަހަރު ހޭދަކުރައްވާފައިވާ އިޒްމިއާ ވަނީ މާސްޓާސް ލެވެލްއަށް ކިޔަވާ ވިދާޅުވުމުގެ އިތުރުން ސިންގަޕޯ ޕޮލިސްއިން ހިންގާ ސީނިއާ އޮފިސާސް ބޭސިކް ކޯސް ވެސް ފުރިހަމަ ކުރައްވާފަ އެވެ.
މަރިޔަމް އަޒުމާ މިވަގުތު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޒަންގެ ޑިވިޒަން ކޮމާންޑަރުގެ މަގާމުގަ އެވެ. ފުލުހުންގެ ހިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަޒްމާ ވެސް ވަނީ މާސްޓާސް ފެންވަރަށް ތައުލީމު ހާސިލްކުރައްވާފަ އެވެ.