އަހުމަދު އުދައްޔު

އުދައްޔުގެ މަރު: ތިން މީހުންގެ ބަންދަށް 30 ދުވަސް

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުން ރިމާންޑް ޖަލަކަށް ބަދަލުކޮށް އިތުރު 30 ދުވަހު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި އެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ވެސް ވަނީ ހައްޔަރުކޮށް ދައުވާ ކޮށްފަ އެވެ.

އަށާރަ އަހަރުން މަތީގެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރައިލުމުގައި ބައިވެރިވި ކަމުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ ދައުވާ އުފުލާފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށެވެ.

މި މައްސަލައިގެ ދައުވާ ލިބޭ އަހުމަދު ޝަމީމްގެ ފަރާތުން ދިފާއީ ވަކީލް މުހައްމަދު ޝަހީދު ވަނީ އޭނާގެ މުވައްކިލް، މާފުށީ ޖަލުގައި ބަންދުކޮށްފިނަމަ ޖަލުގައި އޭނާ މަރާލާނެކަމުގެ އިންޒާރުތައް ލިބެމުންދާ ކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން ޝަމީމް ރިމާންޑް ޖަލަކަށް ބަދަލުކޮށްދެއްވުމަށް ވަނީ އެދިފަ އެވެ.

ދިފާއި ވަކީލް މުހައްމަދު ޝަހީދު އިތުރަށް ވިދާޅުވެފައިވަނީ ޝަމީމަކީ ހާދިސާ ހިނގި ވަގުތު އެތާ ހުރި މީހެއް ނޫން ކަމަށެވެ. އެކަން ސާބިތުކުރަން ދިފާއީ ހަތަރު ހެކިން ހުށަހަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޝަމީމް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށާއި ކޯޓު އަމުރު ހޯދާފައިވަނީ އޭނާ ހައްޔަރުކުރިތާ ހަތަރު ގަޑިއިރު ފަހުން ކަމަށްވެސް ވަކީލް ވިދާޅުވި އެވެ.

ޝަރަފް ރަޝީދުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މިއަދުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އިބްރާހިމް އަލީ އެވެ. އޭނާ ވިދާޅުވީ މިއީ ދެ ގްރޫޕެއްގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުމެއް ކަމަށްވާތީ ހަމަނުޖެހުމުގައި އަނެއް ފަޅިން ހަމަލާ ދިން މީހުންގެ މައްޗަށް ވެސް ތަހުގީގު ހިންގަން ޖެހޭނެ ކަމަށެވެ.

ޝަރަފަށް މަރުގެ ހަމަލާއެއް ދޭން ފިރުޝާން ޒާހިރު ކިޔާ މީހަކު އުޅުނު ކަމަށާއި ޝަރަފް އެކަމުން ސަލާމަތްވީ އޭނާގެ ހުށިޔާރުކަމުން ހަށިގަނޑު ފަހަތަށް ލަންބާލި ގޮތުގެ ސަބަބުން ކަމަށްވެސް ވަކީލް ވިދާޅުވި އެވެ. އެ ހަމަލާއިން ސަލާމަތް ނުވެވުނު ނަމަ ޝަރަފްގެ ކަރަށް ވަޅިހެރި ފުރާނަ ދިއުމުގެ ފުރުސަތު އޮތް ކަންވެސް އިބްރާހިމް އަލީ ވަނީ ފާހަގަކުރައްވާފަ އެވެ.

އިބްރާހިމް އަލީ އިތުރަށް ވިދާޅުވީ ހާދިސާ ހިނގި ވަގުތު ޝަރަފު ހުރީ ގޭގައި ކަމަށެވެ. އުދައްޔު މަރުގެ ހާދިސާ ހިނގި ތަނަށް ޝަރަފް ދިޔައީ ހާދިސާ ހިނގި ފަހުން ކަމަށެވެ.

އުދައްޔުގެ މަރާ ގުޅިގެން ދައުވާ ލިބޭ މުހައްމަދު މާޒިން މިއަދު ކޯޓަށް ހާޒިރުވިއިރު ވަކީލަކު ހާޒިރުވެފައެއް ނުވެ އެވެ. ޝަރީއަތުގެ މަޖިލީހުގައި ގާޒީ ސުވާލުކުރެއްވުމުން މާޒިން ބުނީ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަން ބޭނުން ވަނީ ވަކީލަކާ އެކު ކަމަށެވެ. މާޒިންގެ މި ހުށަހެޅުމަށް ގާޒީ ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ދައުވާ ލިބޭ ތިން މީހުންގެ ވާހަކަތަކަށްފަހު ދައުލަތުން ބުނީ ތިން މީހުންނަކީ ވެސް ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށާއި ހާދިސާ ހިނގި ވަގުތު މި ތިން މީހުން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވިކަން ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައިވާ ކަމަށެވެ. އުދައްޔު މަރާލުމަށްފަހު ދައުވާ ލިބޭ މީހުން އުފާފާޅުކުރިކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށްވެސް ދައުލަތުން ބުންޏެވެ. އެހެންކަމުން މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ދައުވާ ލިބޭ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން ވަނީ އެދިފަ އެވެ. އެހެންނަމަވެސް މި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ޗުއްޓީގައި ހުންނެވުމުން އެ ސެކްޝަނާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ ދައުވާ ލިބޭ މީހުންގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖެހުމަށެވެ.

ވަޅިން ތަކުރާރުކޮށް ހަމަލާދީ މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގެ ރޭ އުދައްޔު މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިން މަރާމާރީ ހިންގުމަށްފަހު ކަމަށް މާމެންދޫ ބައެއް މީހުން ބުނެ އެވެ. އުދައްޔު އަށް ހަމަލާ ދިން ރޭ އޭނާއަށް ލިބުނު ބޮޑެތި ޒަހަމްތަކާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ވެސް ގެންދެވުނެވެ. ނަމަވެސް އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.