ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގުމުން ރަށުން ބޭރުގައި ހުންނެވުމުން ކޯޓަށް މިއަދު ވަޑައިނުގެންނެވުނު ކަމަށް ނައިބު ރައީސްގެ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް ވަނީ އޭނާ އަށް މިއަދު ކޯޓަށް ނުދެވުނުކަން ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ކަށަވަރުކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ކޯޓަށް ނުދެވުނީ ރަށުން ބޭރުގައި ހުންނެވުމުގެ ސަބަބުންނެވެ. އަދި ޗިޓު ލިބިވަޑައިގަތުމުން ގަޑިއަށް ހާޒިރުވެވެން ނެތް ވާހަކަ ސްޕްރީމް ކޯޓަށް ވެސް އެންގި ކަމަށް ވެސް ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ޝަމީމް މިއަދު ކޯޓަށް ހާޒިރުވުމަށް ސްޕްރީމް ކޯޓުން ޗިޓު ފޮނުވީ ވަރަށް ކުއްލި ގޮތަކަށެވެ. ސްޕްރީމް ކޯޓަށް ޝަމީމް ހާޒިރުކުރަން ބޭނުންވަނީ ކޯޓުގެ ބޭނުމެއްގައި ކަމަށް ޝަމީމަށް ފޮނުވި ޗިޓުގައި ސްޕްރީމް ކޯޓުން ބުނެފައިވެ އެވެ.
ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލަކަށް ހަމަޖެހިވަޑައިގަތުމަށްފަހު ޝަމީމް ގެންދަވަނީ ނައިބު ރައީސްގެ ބަންދުގެ މުއްދަތު އިތުރުކުރަން ހައި ކޯޓުން ތާއީދުކުރި ކުރުމަށާއި، އަދީބުގެ މައްސަލައިގައި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ރާއްޖެއަށް އިއުލާނު ކުރުމާ ގުޅިގެން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަތުމަށް އެ ބޭފުޅާ އަށް އެންމެ ފުރަތަމަ ދެއްވި 14 ދުވަހުގެ މުހުލަތު ވަނީ 7 ދުވަހަށް ކުރުކޮށްފަ އެވެ. މި ބަދަލަށް ފާޑުކިޔަމުންދާ ވަކީލުން އިތުރުވެފައިވާއިރު އެ ފަރާތްތަކުން ބުނަމުން ދަނީ އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ލޯޔަރު ޝަމީމުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.