ކްރިމިނަލް ކޯޓް

ފުލުހަކަށް މަރުގެ އިންޒާރު ދީގެން މަފާޒު 18 މަހަށް ޖަލަށްލާން ހުކުމްކޮށްފި

ޖަލުގައި ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ގ. ޝާރާޒް، މުހައްމަދު މަފާޒް އެއް އަހަރާއި ހަ މަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

މަފާޒަކީ ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހުގައި މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ތޫނު އެއްޗަކުން ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ އުފުލާފައިވާ މީހެކެވެ.

އެ މައްސަލައިގައި އޭނާ ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ވަނިކޮށް ޖަލުގައި ހަމަނުޖެހުން ހިންގައި ފުލުހަކަށް މަރުގެ އިންޒާރު ދީފައި ވަނީ 2017 ވަނަ އަހަރު އެވެ. ޖަލުގެ މަސްލަހަތު ނަގައިލައި ޖަލުގެ ގޮޅިތަކުގެ ދަގަނޑުތައް ތަޅުވަން ފެށުމުން އޭނާ އަށް ނަސޭހަތްތެރިވާން އައި ފުލުހުންނަށް މަރުގެ އިންޒާރު ދިން މައްސަލަ ނިންމައި އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

"މަށަކީ ވަޅި ޖަހައިގެން މަރާލައިގެން ގެނެސްފައިވާ މީހެއް، މާލޭ މަގުމަތިން މީގެތެރެއިން އެއްވެސް މީހަކު ފެނުނަސް ކޮށާލާނަން. މިދެނީ އިންޒާރެއް" ފުލުހުންނަށް މަޒާޒު ދިން އިންޒާރުގައި ބުނެ އެވެ.

އެ މައްސަލައިގައި މަފާޒު އިންޒާރު ދިން ފުލުސް މީހާއާއި އިތުރު ތިން ފުލުހަކު ވަނީ އޭނާ އާއި ދެކޮޅަށް ހެކިބަސް ދީފަ އެވެ. މަފާޒު ވަނީ ދެވެން އޮތް އެންމެ ލުއި އަދަބެއް ދިނުމަށް އެދިފަ އެވެ.

ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ އުފުލާފައިވާ މަފާޒް ފުލުހުންނަށް ބިރުދެއްކި ކަމަށް ޝަރީއަތުގައި އިންކާރު ކުރިނަމަވެސް ޝަރީއަތުން ނިންމީ ހެކިންގެ ހެކިބަހުން މައްސަލަ ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ނަދީމްގެ މަރުގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ބަލަމުން އަންނައިރު އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެ މައްސަލައިގައި ވެސް މަފާޒް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.