އިބްރާހިމް އާގިލް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ނެރުނު އަމުރު ދަމަހައްޓައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގެ ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެކެވެ.
އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ، ގދ. ފަރެސްމާތޮޑާ އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ ވަނީ ދެ މީހެއްގެ މައްޗަށް އުފުލާފަ އެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމް އެވެ.
މިމައްސަލައިގައި ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ހަމްދޫން އާއި މިޖުވާދުގެ ދިފާއީ ވަކީލް މުހައްމަދު ރާގިބް އަހުމަދު ވިދާޅުވީ އެ ދެ މީހުންނަށް ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލަން ޖެހޭ ކަމަށެވެ. އެ ޝަރުތާ ހިލާފު ނުވާހާ ހިނދެއްގައި އެމީހުންނަށް ބޭރުގައި އުޅޭވޭނެ ގޮތް ހަމަޖައްސައި ދިނުމަށްވެސް ރާގިން ވަނީ އެދިފަ އެވެ.
ވިޝާމްގެ ދިފާއީ ވަކީލް އިސްމާއީލް އަހްހަދު ވިދާޅުވީ ތުހުމަތެއް ކޮށް މީހަކު ބަންދު ކުރި ނަމަވެސް އެމީހެއްގެ މައްޗަށް މައްސަލަ ސާބިތު ނުވާހާ ހިނދަކު އެމީހަކު ވާނީ މައުސޫމް މީހަކަށް ކަމަށެވެ. އެހެންކަމުން މިމައްސަލައިގައި ހެކިންގެ ހެކި ބަސް ނެގުމަށްފަހު ވިޝާމަށް ލުޔެއް ދޭން ޖެހޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ އާގިލްގެ މަރުގެ މައްސަލައިގައި ހެކިންގެ ހެކިބަސް އަދި ނެގިފައި ނުވާތީ އާއި ގިނަ ސިއްރު ހެކިންތަކެއް މިމައްސަލައިގައި ހިމެނޭތީ ދައުވާ ލިބޭ މީހުން ބަންދުގައި ތިބި ތިބުން ދަމަހައްޓަން ދައުލަތުން އެދޭ ކަމަށެވެ.
މިމައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގުމަށް މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު ދިމާވިޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެދުވަހު ހެކިބަސް ނަގާފައެއް ނުވެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވޭ މީހާގެ ބަންދު ކޮންމެ 30 ދުވަހަކުން އެއްފަހަރު ރިވިއު ކުރަންޖެހެ އެވެ.
މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ދައުލަތުން ދައުވާ ކުރާ މީހުން މުޖުތަމައަށް ދޫކޮށްލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށެވެ. އެހެންކަމުން މުޖުތަމައުގެ ސަލާމާތާއި ރައްކާތެރި ކަމަށްޓަކައި ދައުވާ ލިބޭ މީހުން ބަންދުގައި ބޭއްތިއްބުމަށް ނެރެފައިވާ އަމުރު ދަމަހައްޓާ ކަމަށްވެސް ވިދާޅުވި އެވެ.
އާގިލް މަރާލާފައިވަނީ އޯގަސްޓް 31، 2018 ވަނަ ދުވަހުގެ ރެ އެވެ. އޭނާ މަރާލާފައިވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށްފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު އެވެ. އާގިލް މަރާލާފައިވަނީ ސިލްސިލާކޮށް އެ ދުވަސްވަރު މާލޭގައި ހިންގި މާރާމާރީ ތަކަކާއި ގުޅިގެން ބަދަލުހިފުމަށް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.