ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ފުލުހުންގެ ކޮމާންޑަރުންނަށް އިންތިހާބުގެ މައުލޫމާތު ދީފި

Apr 6, 2021

ކުރިއަށް އޮތް ދެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފުލުހުންނަށް މައުލޫމާތު ދީފި އެވެ.

ފުލުހުންގެ އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ފުލުހުންނަށް މައުލޫމާތު ދީފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ކަމާ ގުޅޭ މުވައްޒަފުންނެވެ.

މިބައްދަލުވުމުގައި ވަނީ އިންތިހާބާ ގުޅުހުންހުރި ކަންކަމާ ގުޅޭގޮތުންނާއި، މައުލޫމާތު ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި، ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަތައް ހުށަހަޅާނެ ގޮތްތަކާއި، ކޮވިޑްގެ ހާލަތާ ގުޅިގެން އެކުލަވާލާފައިވާ އުސޫލުތަކާ ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ.

ފުލުހުންގެ އޮޕަރޭޝަންގައި އިސްކޮށް ހުންނެވި ކޮމާންޑަރާއި އަތޮޅުތަކަށް ކޮމާންޑަރުންގެ ގޮތުގައި ދަތުރުކުރާ ފުލުހުންގެ ކޮމިޝަންޑް އޮފިސަރުން ވެސް މިބައްދަލުވުމުގައި ބައިވެރިވެފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި ދެ އިންތިހާބުގެ ލޮޖިސްޓިކް މަސައްކަތްތަކާއި ސަލާމަތީ ކަންކަން ބެލެހެއްޓުން އިލެކްޝަންސް ކޮމިޝަނުން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.