މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަަށް ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ "ގެ ސެކިއުރިޓީ ބްރީފިން ބާއްވައިފި އެވެ.
އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި މި ބްރީފިން ދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.
އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންނާ މުހާތަބު ކުރައްވައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އިންތިހާބާ ގުޅިގެން ފުލުހުންނާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަލާމަތީނގޮތުން ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދީ އިންތިހާބުގެ ފަހުން ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި އަމަންއާންމަށް ހުރަސްއެޅޭފަދަ އެއްވެސް ނުރައްކަލަކަށް ފުރުސަތު ނުދީ ދިމާވެދާނެ ހަމަނުޖެހުމެއް ރޭވުންތެރިކަމާއެކު އާންމު ހާލަތަށް ބަދަލުކުރުން ކަމަށެވެ.
ސީޕީ ވަނީ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންވެސް އެ މިޝަންއަށް މަސައްކަ ތްކުރެއްވުމަށް އިރުޝާދު ދެއްވާފައެވެ.
އަދި މި އިންތިހާބަކީ ފުލުހުންގެ އައު ގާނޫނަށް އަމަލު ކުރަންފެށި ފަހުން ބާއްވާ ގައުމީ ފެންވަރުގެ ބޮޑު ހަރަކާތެއް ކަމުން މިއީ ފުލުހުންގެ ދައުރު އަދާކޮށް ޕްރޮފެޝަނަލް ކަމާއި މުއައްސަސާގެ އިންޓަގްރިޓީ އާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން މަސައްކަތްކުރާ ރަނގަޅު ގޮތުގެ ސަބަބުން މުއައްސަސާގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމުގައި ހަރުދަނާކަމާއެކީ ގާނޫނާއި ގަވާއިދުތައް އެނގިތިބެ ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
އޮޕަރޭޝަން ބްލޫ ރޭގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު ދެއްކެވި ވާހަކަފުޅުގައި ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެ މަސައްކަތްތައް ދުރާލައި ރޭވިގެން ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މާލެއާއި އަތޮޅު ތެރޭގައާއި ރާއްޖެއިން ބޭރު އަދި ވޯޓު ފޮށި ބެހެއްޓޭ އެންމެހާ ތަންތަނަށް ވޯޓު ފޮށިތައް ރައްކާތެރިކަމާއެކު ގެންދެވި، ވޯޓު ފޮށިތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.