ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ބަޔަކު ނެތިގެން ވޯޓު ލާން ނުފެށިފައި

ބައެއް ފޮށިތަކުގެ ވޯޓު ލުން ފެށިފައި ނުވަނީ ވޯޓު ލާނެ ބަޔަކު ނެތިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ބައެއް ފޮށިތަކަށް ވޯޓުލާން ފެށިފައި ނުވަނީ އެތަންތަނަށް ވޯޓުލާނެ ބަޔަކު ނެތުމުން ކަމަށެވެ. ވޯޓުލާ މީހުން އަދަދު އަދި މިހާތަނަށް މަދު ކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

އިލެކްޝަންސްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިހާތަނަށް ވޯޓުލާން ފަށާފައިވަނީ 518 ވޯޓު ފޮއްޓަކަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 713 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ބައެއް ފޮށިތަކުގައި އޮފިޝަލުންގެ މައްސަލަތަކެއް ޖެހިގެން ވެސް ވޯޓު ލުން ނުފެށި ލަސްވި ކަމަށެވެ. އޮފިޝަލުންގެ މައްލަސަލަ ޖެހިގެން އުޅޭ ތަންތަނަށް ރިޒާވް އޮފިޝަލުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

މި ނޫން އިތުރު އެއްވެސް މައްސަލައެއް މިހާތަނަށް ޖެހިފައި ނުވާ ކަމަށް އިލެކްޝަނުން ބުނެ އެވެ. ފުލުހުން ވެސް ބުނެފައި ވަނީ މިހާތަނަށް އަދި އެއްވެސް މައްލައެއް ޖެހިގެން ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަދުގެ މިހާތަނަށް ވޯޓުލާން އަންނަ މީހުންގެ އަދަދު މަދު ކަން އަވަސްގެ ނޫސްވެރިންނަށް ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

މިއަދު ކުރިއަށްދާ ދެ އިންތިހާބުގައި ޖުމްލަ ވޯޓު ލެވޭ މީހުންގެ އަދަދަކީ 273،128 މީހުންނެވެ.