ހަބަރު

ޓެރަރިސްޓުންނަށް ދޭނީ ޒީރޯ ޓޮލެރެންސް: ޑިފެންސް މިނިސްޓަރު

ގައުމު ކުއްލި ނުރައްކަލުގެ ހާލަތަށް އައުމަކުން އާންމުންގެ މީހަކަށް އެއްވެސް ބިރެއް ނެތް ކަމަށާއި ސަރުކާރުން ޓެރަރިސްޓުންނަށް ދޭނީ ޒީރޯ ޓޮލެރެންސް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ނަސްރުންގެ ދުވަހުގެ މުނާސަބަތުގައި ސިފައިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޑިފެންސް މިނިސްޓްރީއާ އަލަށް ހަވާލުވެ ވަޑައިގެންނެވި އާދަމް ޝަރީފް ވިދާޅުވީ، ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަކީ ފަހަރެއްގައި ވެސް އާންމުންނަށް އޮތް ބިރުވެރިކަމެއް ނޫންކަމަށެވެ. ގައުމުގެ އަމަން ނަގާލައި، ނުރައްކާތެރި އަނދަވަޅަކަށް ގައުމު ވައްޓާލަން ބަޔަކު މަސައްކަތް ކުރާނަމަ އެކަން ހުއްޓުވަން އޮތް ހުރިހާ ފިޔަވަޅެއް މި ސަރުކާރުން އަޅާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މުލީއާގޭ ކައިރީގައި ބަޔަކު ބޮމެއް ގޮއްވާލަން ކުރި މަސައްކަތަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ދިވެހި ސިފައިންނާ ފުލުހުންނަކީ ގައުމުގެ ސަލާމަތްކުރުމަށް ފުރާނައަކަށް ބެލުމެއް ނެތި މަސައްކަތްކުރަން ތައްޔާރަށް ތިބި ބައެއްކަން އިއްޔެގެ ހާދިސާއިން ވެސް ސާބިތުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ތާރީޚަކީ އަބަދުވެސް އިއާދަވާނެ އެއްޗެކެވެ. ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ "ފިނިފެންމާ" ލޯންޗަށް ބަޔަކު ދން ނުރައްކާތރި ހާދިސާއަކީ، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ފަދަ ނުރައްކާތެރި ހަމަލާއެކެވެ.

"ތާރީޚު އަބަދުވެސް އިއާދަ ވާނެ. ސީދާ އެ ގޮތަށް ނޫނަސް މީގެ 27 އަހަރު ކުރިން ރާއްޖޭގެ ބަޔަކު އަޑީގައި ތިބެގެން ނޮވެމްބަރު 3 ގައި ދިން އުދުވާނީ ހަމަލާއާ، ފިނިފެންމާ ލޯންޗަށް ދިން ހަމަލާ އަކީ އެއްކަހަލަ ދެ ހަމަލާ. ހަމަ އެ ފަދަ ހާލަތެއް މިއަދުވެސް ދިމާވެފައި މި އޮތީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ސިފައިންގެ އިތުރުން ބައެއް އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.