ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ހަނިވެގެން ހިނގައިދާނެ ކަންތައްތަކެއް ފާހަަގަ ކުރެވިފައިވާ ކަމަށް ބުނެ އެޗްއާރްސީއެމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެޗްއާރްސީއެމުން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ދެ އިންތިހާބާ ގުޅިގެން އީސީ އާއި އެޗްޕީއޭ، އެ ކޮމިޝަނުން ބައްދަލު ކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި، ކޮވިޑް-19 އާއި ގުޅިގެން ވޯޓްގެ ހައްގު ހަނިވެގެން ހިނގައިދާނެ ކަންކަން ފާހަގަވެފައި ވާތީ ކޮމިޝަންގެ ކަންބޮޑުވުންތައް އީސީއާއި އެޗްޕީއޭއާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
ވޯޓްލުމުގެ ހައްގު ހަނިވެގެން ހިނގައިދާނެ ކަންތައްތަކެއް ފާހަަގަކުރެވިފައިވާ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް އެކަމުގެ އެއްވެސް މައުލޫމާތެއް އަދި އެ ކޮމިޝަނުން ހާމަ ކޮށްފައެއް ނުވެ އެވެ.
އެޗްއާރްސީއެމުން ބުނީ އެ ކޮމިޝަންގެ ކަންބޮޑުވުންތައް ހައްލު ކުރުމާ ގުޅޭގޮތުން ކުރެވިދާނެ ކަންކަމުގެ ލަފާ ވެސް ދީފައިވާނެ ކަމަށެވެ.
ކައުންސިލް އިންތިހާބާ ގުޅިގެން އެޗްއާރްސީއެމުން ވަނީ ފުލުހުންނާ ވެސް ބައްދަލު ކޮށްފަ އެވެ.
ކޮމިޝަނުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ވޯޓުލުމުގެ ހައްގު ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ އިންތިޒާމުތަކާ ގުޅޭގޮތުންނާއި އިންތިހާބު އޮންނަ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން މަސައްކަތް ކުރަމުން ދާނެތީވެ ފުލުހުންނަށް ވޯޓުލުމުގެ ހައްގު ކަށަވަރުވެފައިވާ ގޮތް ވެސް އޮޅުން ފިލުވި ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 713 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި އެއް ފޮށި، ސްރީލަންކާގެ ކޮލަމްބޯގައި ހަތަރު ވޯޓް ފޮށްޓެވެ.
މި ދެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ލުމުގެ ހައްގު ވަނީ ލިބިފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުން، ނަން އަނބުރާ ގެންގޮސްފައިވާތީ އެ އިންތިހާބުގައި މިހާރު ވާދަކުރަނީ 2264 ކެންޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މިހާރު ވާދަކުރަނީ 1670 ކެންޑިޑޭޓުންނެވެ. މި ދެ އިންތިހާބު ވެސް ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.