ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅެން މާލެ ނުދާނެ ކަމަށް ހޮންކޮން ޓީމުން ބުނެފި އެވެ.
ހޮންކޮން ފުޓްބޯޅަ އެސޯސިއޭޝަނުގެ ޗެއާމަން ބްރެއިން ލިއުންގް ހުންގް ވިދާޅުވީ ރާއްޖޭގައި އެއް މަސްދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ބިރުގަންނަ ކަމަށެވެ.
"އަހަރުމެން ރާއްޖެ ދާނެ އެއްވެސް ގޮތެއް ނޯންނާނެ މި ދަނޑިވަޅުގައި. ކުޅުންތެރިންގެ ސަލާމަތަކީ އަހަރުމެން އެންމެ އިސްކަންދޭ ކަންތައް. އަހަރެން ހުށަހަޅާނަން މެޗު ހޮންކޮން އަށް ބަދަލުކޮށްދޭން،" ޗެއާމަން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ހޮންކޮންއިން ދަނި ރާއްޖޭގެ ހާލަތު މޮނީޓަރ ކުރަމުން ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ ބަލަންޖެހޭނީ ފީފާއިން މި މައްސަލާގައި އަމަލުކުރާނެ ގޮތެއް ކަމަށާއި އެކަމަކު ރާއްޖެއިން ހޮންކޮން އަށް މެޗު ކުޅެން އައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭނާ ވަނީ މީގެ ކުރިން ރާއްޖެ އާއި ޗައިނާ ގަލޮޅު ދަނޑުގައި ކުޅެން އޮތް މެޗު ޗައިނާގައި ކުޅެފައިވާތީވެ އެކަން ފިފާގެ ސަމާލުކަމަށް ގެންނާނެ ކަމަށް ވެސް ބުނެފަ އެވެ. މި މެޗު ރާއްޖޭގައި ނުކުޅެވުނީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުންނެވެ.
ރާއްޖޭގައި މިއަދުން ފެށިގެން 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ހޮންކޮންއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ރާއްޖޭގައި ކުޅުމުގެ ލަފަޔަށް އެފްއޭއެމުން މިއަދުވަނީ އެޓާނީ ޖެނެރަލް (އޭޖީ) ލަފަޔަށް އެދިފަ އެވެ.
ނަމަވެސް ކުޅިވަރާ ބެހޭ މިނިސްޓްރީން ވަނީ މިއަދުން ފެށިގެން ކުޅިވަރު އެއްވެސް ހަރަކާތެއް ނުހިންގުމަށް އެފްއޭއެމަށް އަންގައިފަ އެވެ. މިހެންވެ އުރީދޫ ދިވެހި ޕްރެމިއާ ލީގާއި، ތިން ވަނަ ޑިވިޝަން ވެސް ވަނީ މުއްދަތެއްނެތި ފަސްކޮށްފަ އެވެ.
ހޮންކޮން މެޗު ރާއްޖޭގައި މިހާރު ކުޅެވޭނީ އެކަމަށް ހޮންކޮން އާއި ފީފާ ވެސް އެއްބަސްވާނަމަ އެވެ. ހޮންކޮންގައި މެޗު ކުޅެން ޖެހިއްޖެނަމަ މިކަން ވެގެންދާނީ ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު އަމިއްލަ ގައުމުގައި ކުޅެންޖެހޭ މެޗުތަކުގެ ތެރެއިން ކެންސަލްވާ ދެ ވަނަ މެޗަށެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މާލޭގައި ކުޅެވުނީ ގަތަރާއެކު ކުޅުނު މެޗު އެކަންޏެވެ. އެ މެޗު 1-0 އިން ގަތަރު ކާމިޔާބު ކުރިއިރު، ހޮންކޮންގައި އެ ގައުމު އަތުން ރާއްޖެ ބަލިވީ 2-0އިންނެވެ. އަދި ޗައިނާ އަތުން 3-0އިން ބަލިވެ، ގަތަރުގައި ގަތަރާއެކު ކުޅެ ރާއްޖެ ބަލިވ 4-0އިންނެވެ. އަދި ބޫޓާނާއެކު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 4-3އިންނެވެ.