ރާއްޖެ ކުޅިވަރު

ހޮންކޮންގައި މެޗު ކުޅެން ރާއްޖެއަށް މަރުހަބާ: ކޯޗު

ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮން އާއި ރާއްޖެ ގަލޮޅު ދަނޑުގައި ކުޅެން ޖެހޭ މެޗު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނުކުރުމުން ހޮންކޮންގައި ކުޅުމަށް ރާއްޖެ އަށް މަރުހަބާކިޔާ ކަމަށް އެ ގައުމުން ބުނެފި އެވެ.

އެ ޓީމުގެ ކޯޗު ކިމްޕަން ގޮން ބުނީ ރާއްޖޭގައި އެއް މަސްދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން އަންނަ ބުރާސްފަތި ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗު ހޮންކޮންގައި ކުޅުމަކީ ހުރިހާ ގޮތަކުން އޭނާގެ ޓީމަށް ފައިދާވާނެ ކަމެއް ކަމަށެވެ.

"ރާއްޖޭގެ ގައުމީ ޓީމަށް ހޮންކޮން އަށް މަރުހަބާ،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ މިދުވަސްވަރު ރާއްޖޭގެ ހޫނުމިން 31 ޑިގްރީ ސެލްސިއަށް މަތިވާ ކަމަށާއި މިއީ ހޮންކޮން އަށް ރާއްޖޭގައި މެޗު ކުޅެން އުނދަގުވާނެ ސަބަބެއް ކަމަށެވެ. އަދި ރާއްޖެއާ ދެކޮޅަށް ކުޅޭތާ ހަތަރު ދުވަސް ފަހުން ޗައިނާއާ ދެކޮޅަށް ކުޅެން ޖެހޭތީވެ މެޗު ހޮންކޮންގައި ކުޅުމުން އެ މެޗަށް ތައްޔާރުވާން ވަގުތު ލިބޭނެ ކަމަށް ވެސް ކޯޗު ބުނެފައިވެ އެވެ.

ހޮންކޮން ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް އިން ލިއުންގް ހުންގް ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ބިރުގަންނަ ކަމަށެވެ.

"އަހަރުމެން ރާއްޖެ ދާނެ އެއްވެސް ގޮތެއް ނޯންނާނެ މި ދަނޑިވަޅުގައި. އަހަރެން ކަނޑެއެޅިގެން ދެކޮޅު ހޮންކޮން ޓީމު ރާއްޖެދާން. ކުޅުންތެރިންގެ ސަލާމަތަކީ އަހަރުމެން އެންމެ އިސްކަންދޭ ކަންތައް. އަހަރެން ހުށަހަޅާނަން މެޗު ހޮންކޮން އަށް ބަދަލުކޮށްދޭން. އަހަރެން އުއްމީދު ކުރަނީ މެޗު ހޮންކޮން އަށް ބަދަލުވާނެ ކަމަށް،" ލިއުންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އާއި ޗައިނާ ގަލޮޅު ދަނޑުގައި ކުޅެން އޮތް މެޗު ވެސް ޗައިނާ އަށް ބަދަލުކުރި ކަމަށާއި މިހެންވެ ފީފާއިން ރާއްޖޭގައި މި މެޗު ނުކުޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު މޮނިޓަ ކުރަމުންދާ ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ ބަލަންޖެހޭނީ ފީފާއިން މި މައްސަލާގައި އަމަލުކުރާނެ ގޮތެއް ކަމަށާއި އެކަމަކު ރާއްޖެއިން ހޮންކޮން އަށް މެޗު ކުޅެން އައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މި މެޗު ރާއްޖޭގައި ކުޅެވޭގޮތް ނުވެއްޖެނަމަ ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ދެން ކުޅެވޭނީ އެންމެ މެޗެކެވެ. އެއީ ގްރޫޕުގެ ފުލުގައި އޮތް ބޫޓާނާއެކު އަންނަ އަހަރު ކުޅެން ޖެހޭ މެޗެވެ. މިފަހަރުގެ ކޮލިފައިންފައި ގަލޮޅު ދަނޑުގައި މިހާތަނަށް ކުޅެފައިވަނީ ވެސް އެންމެ މެޗެކެވެ. އެއީ ގަތަރު އަތުން ރާއްޖެ 1-0އިން ބަލިވި މެޗެވެ.

މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވީ ބޫޓާން އަތުން އެކަންޏެވެ. އެއީ 4-3އިންނެވެ. ހޮންކޮންގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުން 2-0އިން ބަލިވެފައިވާއިރު ޗައިނާ އަތުން ބަލިވީ 3-0އިންނެވެ. އަދި ގަތަރުގައި އެ ގައުމާ ދެކޮޅަށް ކުޅެ ބަލިވީ 4-0އިންނެވެ.