ބޭރު ކުޅިވަރު

ބަޔާން މިއުނިކުން އާސެނަލް ހޭއަރުވާލައިފި

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުގެ ބަޔާން މިއުނިކުން އިނގިރޭސިވިލާތުގެ އާސެނަލް 5-1އިން ބަލިކޮށްފި އެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން އާސެނަލް ހޭއަރުވާލީ މި ދެ ޓީމު އިނގިރޭސިވިލާތުގައި ކުޅުނު މެޗު 2-0އިން އާސެނަލް ކާމިޔާބުކޮށްފައިވަނިކޮށެވެ. އަދި މެޗުން ބަލިވުމުން ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު އާސެނަލް އަށް ވަނީ ގެއްލިފަ އެވެ.

މެޗުގެ ކުރިން ބަޔާނުގެ އަސްލު ފެންވަރު އާސެނަލް އަށް ދައްކާލާނެ ކަމަށް ބަޔާނުގެ ބައެއް ކުޅުންތެރިން ވެސް ބުނެފައިވެ އެވެ. ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ކުޅުނު ބަޔާން އަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ 10 ވަނަ މިނިޓްގައި ރޮބަޓް ލެވޮންޑޯސްކީ އެވެ. އެގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ތޯމަސް މުލާ އާއި ޑޭވިޑް އަލްބާ ނަތިޖާ 3-0އިން ބަދަލުކޮށްލި އެވެ.

ބަޔާންގެ ހަތަރުވަނަ ލަނޑު ޖެހީ އަނިޔާގައި ގިނަ ދުވަސްތަކެއްވަންދެން ހުރުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައި ނެދަލޭންޑްސްގެ މިޑްފީލްޑަރު އާޔެން ރޮބެން އެވެ. އެގެ ފަހުން އޮލިވަ ޖީރޫޑް އާސަނަލް އަށް ސުންކަނޑުވާލަދިން ނަމަވެސް މެޗުގެ ފަހު މިނިޓްގައި މުލާ ވަނީ ފަސް ވަނަ ގޯލެއް ބަޔާނަށް ކާމިޔާބުކޮށްދީފަ އެވެ.

މި މޮޅާއެކު ބަޔާން އޮތީ ނުވަ ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. އޮލިމްޕިއާކޯސް އާއި ޑީނަމޯ ޒެގްރެބް ކުޅުނު މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކި ދެ ވަނާގައިވަނީ އޮލިމްޕިއާކޯސް އެވެ. އާސެނަލް އާއި ޑީނަމޯ އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މިހެންވެ އާސެނަލް އަށް ދެ ވަނަ ބުރަށް ދެވޭނ ކުރިއަށް ދެ މެޗުން ވެސް ކާމިޔާބުކޮށްގެންނެވެ.

ޕީޓަރ މަޓެސާކަރގެ ވާހަކަ:

މެޗަށް ފަހު އާސެނަލްގެ ޖަރުމަނު ޑިފެންޑަރު ޕީޓަރ މަޓެސާކާ ބުނީ ބަޔާން މިއުނިކުން މާ އަވަހަށް ގޯލު ޖެހީ ކަމަށެވެ.

"އެމީހުން މާ އަވަހަށް ގޯލު ޖެހީ. އެކަމަކު މިއީ ހުރިހާ ކަމެއް ނިމުމެއްނޫން. އަހަރުމެން އޮލިމްޕިއާކޯސް ދެ ލަނޑުން ބަލިކޮށްފައި ކުރިއަށްދާންވީ. ކުރިއަށް އޮތް ދެ މެޗު ނަގައިގެން އަހަރުމެންނަށް ދެ ވަނަ ބުރަށް ދެވޭނެ. އަހަރުމެން އަދި އެނބުރި އަންނާނަން،" މަޓެސާކާ ބުންޏެވެ.

ފުރުސަތު ހަނިވެއްޖެ: ވެންގާ

މި މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އޭނާގެ ޓީމަށް ދެ ވަނަ ބުރަށް ދިއުމަށް ވަރަށް ބޮޑަށް ފުރުސަތު ހަނިވެއްޖެ ކަމަށެވެ.

"ބަޔާން އަށް ކްރެޑިޓް ދޭންޖެހޭ އެމީހުން ފެންވަރަށް. އަހަރުމެން އަމިއްލަ އަށް އެމީހުންނަށް މާބޮޑަށް މެޗު ފަސޭހަކޮށްދިނީ. މިހާރު އަހަރުމެންނަށް ފުރުސަތު މިވަނީ ވަރަށް ބޮޑަށް ހަނިވެފައި،" ކޯޗު ބުންޏެވެ.