މަނަދޫ

މަނަދޫގައި ހޮޓާ އަޅަން ދެ ފަރާތަކުން ކުރިމަތިލައިފި

ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގަން ދެ ފަރާތަކުން ބިޑް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މަނަދޫ ސިޓީ ހޮޓަލެއް އަޅަން ތިން ފަރާތަކުން ބިޑް ފޮތް ގަތެވެ. އެކަމަކު ބިޑް ހުށަހަޅާފައި ވަނީ ދެ ފަރާތަކުންނެވެ. އެނގިފައިވާ ގޮތުގައި ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ބޭރު ކުންފުންޏަކާއި ދިވެހި ކުންފުންޏެކެވެ.

މަނަދޫގައި ސިޓީ ހޮޓާ ތަރައްގީ ކުރަން 132،000 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފަ އެވެ.

މި ސަރުކާރުން މިހާތަނަށް ޓޫރިޒަމް ތަރައްގީ ކުރުމަށް ދެ މަޝްރޫއެއް ވަނީ އިއުލާނު ކޮށްފަ އެވެ. ފުރަތަމަ އިއުލާނު ކުރި މަޝްރޫއަކީ ހއ. ހުލިގަމުގައި ޔޮޓް މެރީނާއަކާއެކު ސިޓީ ހޮޓަލެއް އަޅާށެވެ. އެ މަޝްރޫއަށް ކުރިމަތިލާނެ ފަރާތެއް ނުވި އެވެ. ފަހުން ހއ. ކެލާގައި ސިޓީ ހޮޓަލެއް އަޅަން އިއުލާނު ކުރުމުން ބައެއް ފަރާތްތައް ކުރިމަތިލި އެވެ. އަދި އެ މަޝްރޫއު މިހާރު ވަނީ ފެޑޯ ކުންފުންޏަށް ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ރިސޯޓު ތަރައްގީ ކުރަން ރިސޯޓް ހަދަން ތިން ރަށަކާއި ބިމެއް ބީލަމަށް ހުޅުވާލި އެވެ. ފުރަތަމަ ހުޅުވާލި ހއ. އަލިދުއްފަރުފިނޮޅާއި ށ. ކުޑަޅައިމެންދޫ އާއި ނ. ކުންނަމަލެއި އަދި ހދ. އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވައިކުރަމުރައިދޫން 15 ހެކްޓަރުގެ ބިމެވެ. ނަމަވެސް މި ރަށްތަކަށް ކުރިމަތިލީ އެންމެ ކުންފުނެކެވެ.

ސަރުކާރުން ދާދި ދަހުން ވަނީ އިތުރު 16 ރަށެއްގައި ޓޫރިޒަމް ތަރައްގީ ކުރަން ވެސް ހުޅުވާލާފަ އެވެ. މި މަޝްރޫއަށް ބިޑް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.

ރިސޯޓު ހަދަން 29 ރަށެއް މި ދައުރު ނިމޭއިރު ނެރޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ރިސޯޓް ހަދަން ނެރޭ ރިސޯޓު ތަކުން 18،000 ވަޒީފާ ލިބޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. އެ ރަށްތައް ތަރައްގީކޮށް އެއްކޮށް ނިމޭއިރު 13،720 އެނދު ނެރެވެ އެވެ. މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 10 ރަށެއް ނެރެން ކަނޑައަޅާފައިވެ އެވެ. އަދި އެ ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ. މިހާރު ވެސް ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ކުރަން ދޫކޮށް ނުހެދި 85 ޕްރޮޕަޓީއެއް އެބައޮތެވެ.