- އިންޓެލިޖެންސް އޮފިސަރުންނަށް ރިސްވަތު ދީފައިވޭ
- ދެ ދުވަސްތެރޭ މައްސަލަ ޕީޖީއަށް ފޮނުވާނެ
- އޮފިސަރުން ވަނީ ފައިސާގެ މަންފާ ލިބުނު ކަމަށް ބުނެފައި
ނައިބު ރައީސް އަހުމަދު އަދީބުގެ އެޕާޓްމަންޓުގައި ޕިސްތޯލު ގެންގުޅުއްވާފައިވާ ކަމަށާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސްގެ ބައެއް މީހުނަށް ރިޝްވަތުދީގެން އަމިއްލަ ފައިދާއަށް ހޯދަން ބޭނުން ކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ހުސެން އާދަމް ބިލްޑިންގްގައި ފުލުހުން މިއަދު ބޭއްވި ޕްރެސްއެއް ގައި ވާހަކަފުުޅު ދައްކަވަމުން ޗީފް ސުޕްރިޓްޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާއާ ގުޅިގެނ ސިފައިންނާއި ފުލުހުން ކުރަމުންގެންދާ ތަހުގީގުގައި އަދީބާއި ގުޅޭ ބައެއް ކަހަލަ މައްސަލަ ފެންމަތި ވެފައިވާ ކަމަށެވެ. އެގޮތުން އަދީބާއި ގުޅުން ހުރި ދެ މައްސަލަ ދެ ދުވަހެއް ތެރޭގައި ޕީޖީއަށް ފޮނުވާނެ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުން ކުރަމުންދާ ތަހުގީގުތަކުގައި އަދީބާ ގުޅުންހުރި ދެ މައްސަލައަށް އިޝާތްކޮށް ހަމްދޫން ވިދާޅުވީ ބ. ހިބަޅަދޫ އިން ހޯދި ހަތިޔާރުތަށް މީޑިއާ ހިއްސާކުރުމުން ބައެއް އާންމުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށާއި އެގޮތުން އަދީބު އޭނާގެ އެޕާޓުމަންޓުގައި ޕިސްތޯލެއް ގެންގުޅުއްވާތަން ފެނުނު ފަރާތްތައް އެކަން ރިޕޯޓް ކުރި ކަމަށެވެ.
"ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ފެނުނު ވާހަކަ ހިއްސާކުރުމުން އާމު ބައެއް ފާރާތްތަކުން ވަނީ މި މައުލޫމާތު އަރުވާފައި. އެފަރާތްތަކުން ސްޓޭޓްމަންޓު ދިން ގޮތުގައި އަހުމަދު އަދީބުގެ އެޕާޓުމަންޓުން މީގެ ދެތިން މަސްކުރިން ވެސް ޕިސްތޯލެއް ފެނިފައިވޭ. ނަމަވެސް އޭރު އެވާހަކަތައް ރިޕޯޓު ނުކުރެވުނީ ހާލަތު ހުރިގޮތުން ކަމަށް އެފަރާތްތަކުން އެމީހުން އެއްބަސް ވޭ،" ހަމްދޫން ވިދާޅުވި އެވެ.
ދެވަނަ ކަމަކަށް އަދީބު ވަނީ ފުލުހުންގެ އިންޓަލިޖަންސް އިދާރާގެ ބައެއް މީހުނަށް ފައިސާގެ ރިޝްވަތުދީ އެމީހުންގެ އިލްމާއި ތަޖުރިބާ އަދި ހުނަރު އަދީބުގެ އަމިއްލަ ފައިދާއަށް ބޭނުންކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ.
"ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދިން މައްސަލައިގެ ތަހުގީގުގައި ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުން ފުލުހުންގެ ސީނިއާ ބައެއް ބޭފުޅުހުން އަދީބު ދިރިއުޅުއްވާ އެޕާޓްމަންޓަށް ޒިޔާރަތް ކުރައްވާތަން ފެނޭ. އެހެންވެ އެ ފަރާތްތަކާ ސުވާލު ކުރުމުން އަދީބާއި ގުޅިގެން ފައިސާގެ މަންފާ ލިބިފައިވާ ކަން ވަނީ ކިޔައިދީފައި،" ހަމްދޫން ވިދާޅުވި އެވެ
އޭނާ ވިދާވީ ފިނިމެންމާ ލޯންޗުގައި ބޮމެއް ގޮއްވާލި ހާދިސާއާ ގުޅިގެން ކުރަމުންދާ ތަހުގީގުތަކުގައި އަދީބާ ގުޅުންހުރި ވަރަށް ގިނަ ކަންކަން ފެނިފައިވާ ކަމަށާއި މިހާރު ބަލަމުންދާ ދެ މައްސަލަވެސް ތަހުގީގުތަށް ނިންމައި ދެދުވަސް ތެރޭގައި ޕީޖީއަށް ފޮނުވާނެ ކަމަށެވެ.