ސަންގު ޓީވީ

ރައީސްއަށް އިންޒާރުދިން ވީޑިއޯ ލީ ކަމަށް ބުނެ، ސަންގް ޓީވީ ފާސްކޮށްފި

Nov 6, 2015
4

ފުލުހުން މިރޭ ސަންގްޓީވީއަށް ވަދެ، އެތަނުގެ ކޮމްޕިޔުޓަރު ސިސްޓަމްތަކުގެ ހާޑް ޑިސްކްތަކެއް ތަހުގީގަށް ގެންގޮސްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ސަންގް ޓީވީއަށް ވަނީ މިރޭ މެންދަމު 1:30 އެހާކަން ހާއިރު އެވެ. ޖަނަވަރީ މަގުގައި ހުންނަ ސަންގް ޓީވީގެ އޮފީހަށް ފުލުހުން ވަތް ކޯޓު އަމުރުގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީންއަށް މަރުގެ އިންޒާރު ދީ އާންމު ކުރި ވީޑީއޯއެއް ޔޫޓިއުބަށް އަޕްލޯޑް ކުރި މައްސަލައިގައި ހެކި ހޯދުމެވެ. ލިބިފައިވާ މައުލޫމާތު ކަމަށް ބުނެފައި ވަނީ ޔޫޓިއުބް އިން ދީފައިވާ މައުލޫމާތުތަކާއި އިންޓެލިޖެންސް އެކި މައުލޫމާތުތަކެވެ.

ސަންގް ޓީވީ ފާސްކޮށްފައި ވަނީ އިތުރު މީހަކަށް އެތަނުގެ ތެރެއަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމަށް ފަހު އެވެ. ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ހިއްސާވާ އެ ޓީވީއަށް ފުލުހުން ވަނުމާ އެކު އެ ސްޓޭޝަންގެ އޮންއެއާ ވަގުތުން ހުއްޓުމަކަށް އައެވެ. އެތަނުގެ އިސްވެރިން ބުނި ގޮތުގައި އޮންއެއާ ހުއްޓާލަން ޖެހުނީ ސްޓޭޝަން އެއާކުރުމަށް ޓަކައި ބޭނުން ކުރާ ބައެއް ސިސްޓަމްތައް ފުލުހުން ޗެކް ކުރަން ފުރުސަތު ދިނުމަށް އެގޮތަށް ފުލުހުން މުވައްޒަފުންނަށް އެންގުމުންނެވެ.

އެ ޓީވީގެ މުވައްޒަފުންގެ ލޮކަރުތަކާއި ހުރިހާ ކޮމްޕިއުޓަރު ސިސްޓަމްތައް ފުލުހުން ޗެކްކޮށް ހާޑް ޑިސްކްތަކާއި އެހެން ވެސް ބައެއް ތަކެތި ހިފައިގެން ފުލުހުން ނިކުމެފައި ވަނީ ފަތިހު 5:00 އެހާކަން ހާއިރު އެވެ.

ސްޓޭޝަންގެ ސީއީއޯ އިބްރާހިމް ވަހީދު، އަސްވާޑު ވިދާޅުވީ، ރައީސްއަށް އިންޒާރުދިން ވީޑިއޯއެއް އެ ސްޓޭޝަނުން އަޕްލޯޑް ކުރި ކަމަށް ފުލުހުން ތުހުމަތު ކުރި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެކެވެ. އަދި އެފަދަ ކަމެއް އެ ސްޓޭޝަންގެ ތެރޭގައި ނުހިނގާނެ ކަމަށް އަސްވާޑް ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އެފަދަ ކަމެއް މުވައްޒަފަކު ކޮށްފާނެ ކަމަށް އެ ސްޓޭޝަނުން ގަބޫލެއް ނުކުރެވެ އެވެ. ސްޓޭޝަންގެ އޮންއެއާގައި ބޭނުން ކުރާ ބައެއް ސިސްޓަމްތަކުގ ހާޑް ޑިސްކްތައް ފުލުހުން ގެންގޮސްފައިވާތީ އެ ސްޓޭޝަންގެ އޮންއެއާ ދެން ފެށިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ސްޓޭޝަންގައި އެފަދަ އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެން. މި ސްޓޭޝަންގައި އެފަދަ ކަމެއް ހިންގުމަކީ މިތަނުގެ މެނޭޖްމަންޓުން ވެސް ކުރާނެ ކަމެއް ނޫން.،" އަޝްވާޑު ބުންޏެވެ. 

އެތަން ފާސްކުރި ވަގުތު ވެލިދޫ މެންބަރު ޔާމީން އެ ސްޓޭޝަނަށް ވަނުމަށް މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދު ކޯޑަން ކޮށް ޔާމީންއަށް ނުވަދެވޭ ގޮތް ހަދައިފަ އެވެ. އަދި އެ ޓީވީގެ ވަކީލެއްގެ ގޮތުގައި އިލެކްޝަންސްގައި ކުރިން މަސައްކަތް ކުރެއްވި ހަނީފާ ހާލިދު ވަނީ އެ ސަރަހައްދަށް ޔާމީންއާ އެކު ވަޑައިގެން ފާސްކުރުމުގައި ފުލުހުންގެ ހަރަކާތްތައް ހުރި ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ހަނީފާ ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ސަންގް ޓީވީ ހިންގާ މުޅި އިމާރާތް ފާސްކުރަން އަމުރެއް ނެރެފައި ވުމާއި ބައެއް މުވައްޒަފުން އެތަނުގައި ނެތިން އެ މުވައްޒަފު މަސައްކަތް ކުރާ ވޯކް ސްޓޭޝަން ފާސްކޮށް ތަކެތި ނެގި މައްސަލަ ފާހަގަ ކުރި އެވެ.

"އެންމެންގެ ހާޒިރުގައި ފުލުހުން ޗެކް ކޮށް ތަކެތި ގެންދަން ޖެހެެނީ. އެކަމަކު އެގޮތަކަށް ނީން އަމަލު ކުރީ. މިއީ މިތަުގެ ފަރާތުން ކަންބޮޑުވާ ކަމެއް،" ހަނީފާ ވިދާޅުވި އެވެ.