ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ހޮންކޮންއާ ދެކޮޅަށް މާލޭގައި ކުޅެން ޖެހޭ މެޗަށް ގައުމީ ޓީމު މިއަދު ހަވީރު ޕްރެކްޓިސް ފަށަން ނިންމައިފި އެވެ.
ނިއުޒީލޭންޑްގެ ކޯޗު ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން މިއަދު ޕްރެކްޓިސް ފަށާއިރު އަންނަ ބުރާސްފަތި ދުވަހު ކުޅޭ މި މެޗު މާލޭގައި ކުޅޭނެކަން އަދި ޔަގީނެއްނޫނެވެ. އެއީ ބުދަ ދުވަހުން ފެށިގެން އެއްމަސްދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމުން ހޮންކޮން ޓީމު މާލެ އަންނަން ދެކޮޅު ހަދާތީ އެވެ.
ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތައް ހުއްޓާލަން ޔޫތު މިނިސްޓްރީން ބުދަ ދުވަހު އެންގި ނަމަވެސް އިއްޔެ އެނިންމުން ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް ގައުމީ ޓީމުގެ މެޗު މިހާރު މާލޭގައި ކުޅެވޭނީ ފީފާ ވެސް އެކަމަށް އެއްބަސްވާނަމަ އެވެ. މިކަމުގައި އެފްއޭއެމުން ދަނީ ސަރުކާރާ ވާހަކަ ދައްކަމުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މި މެޗު މާލޭގައި ކުޅެވޭގޮތް ނުވެއްޖެނަމަ ދެން މާލޭގައި ކުޅެވޭނީ އަންނަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗު އެކަންޏެވެ. މިހާތަނަށް މާލޭގައި ކުޅުނީ ގަތަރު މެޗެވެ. އެ މެޗުން ރާއްޖެ 1-0އިން ބަލިވިއރު ގަތަރުގައި ކުޅެގެން ބަލިވީ 4-0އިންނެވެ. ކޮލިފައިންގައި ޗައިނާއާއެކު މާލޭގައި ކުޅެން އޮތް މެޗު ޗައިނާގައި ކުޅެން ނިންމީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުންނެވެ. އެ މެޗު 3-0އިން ޗައިނާ ކާމިޔާބު ކުރިއިރު ހޮންކޮން އަތުން 3-0އިން ބަލިވީ ގައުމުން ބޭރުގަ އެވެ. މިހާތަނަށް ރާއްޖެ މޮޅުވީ ބޫޓާން އަތުން ރަށުން ބޭރުގައި ކުޅެ 4-3އިން އެކަންޏެވެ.