ޓޫރިޒަމް

ރާއްޖެއަށް އުދުހޭ އެއާލައިންގެ އަދަދު 29 އަށް

ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން ރާއްޖެއަށް އުދުހޭ އެއާލައިންގެ އަދަދު 29 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ މަޝްހޫރު ގިނަ އެއާލައިން ތަކަކުން މިހާރު އަނެއްކާވެސް ދަނީ ރާއްޖެއަށް އުދުހެމުންނެވެ. އެއާލައިންތަކުގެ ތެރޭގައި ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތައް ވެސް ހިމެނެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއަށް މިހާރު އުދުހެމުން ގެންދާ އެއާލައިންތަކުން މިހާތަނަށް 4،800 ފްލައިޓް މޫވްމެންޓް ހަދާފައި، 336،270 މީހުން ވަނީ ރާއްޖެ ގެނެސްދީފަ އެވެ.

ރާއްޖެއަށް އުދުހޭ އެއާލައިންތަކުގެ ތެރެއިން އެންމެ ގިނައިން މީހުން އުފުލާފައި ވަނީ އެމިރޭޓްސް އިންނެވެ. މި އެއާލައިނުން 752 ފްލައިޓް އަޅައި މިހާތަނަށް 68،800 ފަސިންޖަރުން އުފުލައިދީފައި ވެއެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މީހުން އުފުލާފައި ވަނީ ގަތަރު އެއާވޭސް އިންނެވެ. ގަތަރު އެއާވޭސް އިން ބޭއްވި 600 ފްލައިޓުން 49،444 މީހުން އުފުލާފައިވެ އެވެ. ދެން އެންމެ ގިނައިން މީހުން އުފުލާފައިވަނީ އިންޑިއާގެ، އިންޑިގޯ އިންނެވެ. އެ އެއާލައިނުން 740 ފްލައިޓް އަޅައި 45،330 މީހުން ގެނެސްދީފައިވެ އެވެ.

މިހާރު ރާއްޖެ އަށް ހަތް އިންޓަނޭޝަނަލް ޗާޓަރު ފްލައިޓް އަޅަމުން ދެ އެވެ. އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން ގެނެސްދީފައި ވަނީ ޔޫކްރެއިން އިން އަންނަ އެއާ އަސްތާނިއާ އެވެ. މި އެއާލައިނުން 98 ޗާޓަރު ފްލައިޓް އަޅައި 8،388 ޓޫރިސްޓުން ގެނެސްދީފައިވެ އެވެ. ދެން ވެސް ހިމެނެނީ ރަޝިއާ އަދި ޔޫކްރެއިން އިން އަންނަ އަޒޫރު އެއާ އެވެ.