ފިނޭންސް މިނިސްޓްރީ

ކައުންސިލްތަކަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފި

ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހަފުތާ މާލީ ހިސާބު ރިޕޯޓްގައިވާ ގޮތުން ބަޖެޓުން މި އަހަރު ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭން ނިންމާފައިވާއިރު މިހާތަނަށް 450.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ދޫކޮށްފައި ވަނީ 415.3 މިލިއަން ރުފިޔާ އެވެ.

ކައުންސިލްތައް ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެހެންވެ ލޯކަލް ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދީ، މާލީ މިނިވަންކަން އަންނާނެ ގޮތަަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެތޭގައި ކުންފުނިތަކާއި ގުޅިގެން އަމިއްލައަށް ވިޔަފާރި ކުރުން ވެސް ހިމެނެ އެވެ.

ރާއްޖޭގައި މިދިޔަ ހަފުތާގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާފަ އެވެ. އެ އިންތިހާބުގައި 3،814 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި 2،234 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީގައި 1،580 މީހުންނެވެ. އިންތިހާބުގައި އެންމެ ވަރުގަދަ "ބެޓްލްފީލްޑް" ގެ ގޮތުގައި އޮތް މާލެ ސިޓީގެ އަޣުލަބިއްޔަތު އިދިކޮޅު ޕީޕީއެމުން ހޯދިއިރު، ވެރިކަން ކުރާ އެމްޑީޕީގެ ބާރުގަދަ ބައެއް ރަށްތަކުގެ ކައުންސިލަށް ވެސް ޕީޕީއެމް މެންބަރުން ހޮވިފައިވެ އެވެ. ނަމަވެސް މިހާރުގެ ނަތީޖާ ދައްކާ ގޮތުން މުޅި ރާއްޖޭން އެންމެ ގިނަ ގޮނޑި ހޯދީ އެމްޑީޕީ އެވެ.