އެޗްއާރްސީއެމް

އަހްސަނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

Apr 16, 2021

ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އެޗްއާރްސީއެމުން މިމައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނި ނަމަވެސް އަހްސަންގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. އަހްސަން ހުރީ ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އެޗްއާރްސީއެމުން މިރޭ ބުނީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުރި މީހަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށެވެ. އެ މައްސަލަ ރޭ 10:00 ހާއިރު ކޮމިޝަންގެ ސަމާލުކަމަށް އައުމާ ގުޅިގެން ކޮމިޝަންގެ ޓީމެއް ދޫނިދޫ އަށް ރޭ ދަންވަރު ދިޔަ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

އެޗްއާރްސީއެމުން ބުނީ އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތާ ކޮމިޝަންގެ ޓީމުން ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަން އާއިލާއަށް ހިއްސާކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

"މިމައްސަލަ އެންޓި ޓޯޗަރ ގާނޫނުގެ ދަށުން އެޗްއާރްސީއެމުން ތަހުގީގު ކުރާނެ ކަމުގައި ދަންނަވަމެވެ،" އެޗްއާރްސީއެމުން ބުނެފައިވެ އެވެ.

ދޫނިދޫގައި ޑިއުޓީގައި ތިބި ފުލުހުންގެ އޮފިސަރުންތަކަކާ އަހްސަނާ ދެމެދު ހަމަނުޖެހުން ހިނގީ އޭނާ ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުންކުރުމުން ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. އަހްސަންގެ އާއިލާ އިން މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން ފުލުހުން މިއަދު ވަނީ އެކަން ހިނގާދިޔަ ގޮތް ސާފުކޮށްދީފަ އެވެ.

ފުލުހުން ބުނީ ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި އަހްސަން މުހައްމަދު ބަހައްޓާފައި ހުންނަ ގޮޅީގައި ހަރުކޮށްފައި ހުރި ކެމެރާއަށް ނުފެންނަ ގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރި ކަމަށެވެ. އެކަމާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ގޮޅިން ބޭރަށް ނެރުމަށްފަހު ކެމެރާގައި އުނގުޅާފައި ހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރުނު ކަމަށެވެ. އަދި އޭގެ ފަހުން އަލުން ގޮޅިއަށް ވަނުމަށް އޭނާއަށް އަންގާ، ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އަހްސަން އެކަމަށް ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް އިންޒާރު ދީފައިވާ ކަމަށެވެ.

"...ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަހްސަން މުހައްމަދު އިންކާރުކޮށް، އަހްސަން މުހައްމަދު ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ފުލުހުން ވަަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް އަހުސަނު މުހައްމަދު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައި. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ އެރޭގެ ފަހުގެ ވަގުތެއްގައި ވަނީ ގޮޅިއަށް ވައްދާފައި،" ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ އަހްސަނާ މެދު އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިން އަމަލުކޮށްފައިވޭތޯ ޔަގީން ކުރުމަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ އަށް ހުށަހަޅައި ބަލަމުންދާ ކަމަށެވެ. އަދި އެކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ހިލާފަށް ކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.

އަހުސަން ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ ހަމަލައެއް ދޭން އުޅޭ ކަމުގެ ތުހުމަތަށް ތ. ތިމަރަފުށިންނެވެ. ޓެރަރިޒަމްގެ ތުހުމަތަށް ހައްޔަރުުކުރި މީހުންގެ ތެރެއިން އައިސިސް އާއި ގުޅުން އޮންނަ ހަރުކަށި ފިކުރުގެ އަށް މީހަކަށް ދައުވާކޮށްފައިވާއިރު މި މީހުންގެ މައްޗަށް ޖުމްލަ 20 ދައުވާ އެއް ވަނީ އުފުލާފަ އެވެ. އަހުސަން މުހައްމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާ އެވެ.