ނާއިލާ އިބްރާހިމް ކަލޭފާނު

ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ، ކުރީގެ ވަޒީރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހީމް ކަލޭފާނު (ނާއިލާ މިސް) އަވަހާރަ ވެއްޖެ އެވެ. އޭނާ އަވަހާރަވީ އުމުރުފުޅުން 72 އަހަރުގަ އެވެ.

ސްރީލަންކާ އާއި ނިއުޒީލޭންޑުން ކިޔަވާ ވިދާޅުވި ނާއިލާއަކީ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހީމް ކަލޭފާނު (ޑީއައިކޭ) ގެ ދަރިކަނބަލެކެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި މިހާރުގެ ގަވަރުނަރު އަދި ކުރީގެ ވަޒީރު އަލީ ހާސިމްގެ ދައިތާފުޅެވެ.

"ޒީނާރު" ގެ ނަމުގައި މުޅި ރާއްޖޭގެ މަޝްހޫރުކަން ހޯދި ރެސިޕީ ފޮތްތަކެއް ލިޔުއްވެވި އެ ލިޔުންތެރިޔާއަކީ ރާއްޖޭގެ އަންހެނުންގެ ތަރައްގީ ފާހަ ކުރެއްވޭ ވަރުގަދަ ޝަހުސިއްޔަތެއް އަދި އަމީނިއްޔާގެ ވަރަށް މުހިންމު ހިދުމަތްތެރި ޓީޗަރެކެވެ، އަމީނިއްޔާގައި ނާއިލާ އަކީ އިނގިރޭސި އާއި ހިސްޓްރީ ކިޔަވައި ދެއްްވެވި ވަރަށް މަޝްހޫރު ޓީޗަރަކެވެ. ގާތްގަނޑަކަށް 25 އަހަރު ދުވަހު ކިޔަވައި ދެއްވެވި އެވެ.

ނާއިލާ އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލްގައި ކަމަށް މައުލޫމާތު ލިބެ އެވެ. ނާއިލާ އަވަހާރަވި ސަބަބެއް ސާފެއް ނުވެ އެވެ.

ނާއިލާ އަވަހާރަވިއިރު ފިރިކަލުންނާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އޭނާގެ ބޭފުޅުންގެ ތެރެއިން ލުބުނާ ޒާހިރު ހުސައިން ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ށ. އަތޮޅުގެ މެންބަރު ކަމާއި ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފަ އެވެ. ލީނާ ޒާހިރު ހުސައިން ވަނީ މީރާގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ. ވާއިލް ޒާހިރު ހުސައިނަކީ އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނާއިލާގެ މައްޗަށް ކަށުނަމާދާއި ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު އެވެ.

ނާއިލާގެ ފޮޓޯއެއް ލިބިފައިވާ ފާރަތްތަކުން އަވަސް އޮންލައިންގެ ނިއުސް ޑްރޮޕް މެދުވެރިކޮށް ފޮނުވޭނެ އެވެ.